ކުޅިވަރު

ފްރާންސާ ޕޯޗުގަލް އެއްވަރު، "މެޗުގައި ރޮނާލްޑޯ ނުފެނުނު"

މުޙައްމަދު ޝަމްޢޫން

ޔޫރަޕްގެ ވަރުގަދަ ދެ ބާރު ކަމަށްވާ ޕޯޗުގަލް އާއި ފްރާންސުން ޔޫއެފާ ނޭޝަންސް ކަޕްގައި ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

މެޗުގެ ނަތީޖާ 0-0 އިން ނިމުނުއިރު، ރޭގެ މެޗު ހާއްސަވީ ޔޫރޯ 2016ގެ ހަނދާންތަކަށެވެ. އެ އަހަރުގެ ޔޫރޯގައި ފްރާންސްގެ އަމިއްލަ ދަނޑުގައި، ފްރާންސްގެ އެތައް ސަޕޯޓަރުންނެއް ޕޯޗުގަލްއިން ރޮއްވާލީ 1-0 އިން ފްރާންސް ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑާއެވެ.

އެ މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނިޔާވެގެން ބާލަން ޖެހުނެވެ. އޭގެ ފަހުން މެޗުގައި ރޮނާލްޑޯ ފެނުނީ ދަނޑު ބޭރުން ހިތްވަރު ދިންތަނެވެ. ގައުމީ ޓީމަށް 101 ގޯލް ޖަހައިދީފައިވާ ރޮނާލްޑޯއަށް ރޭގެ މެޗު މުހިއްމުވީ ފްރާންސް ކޮޅަށް ފުރަތަމަ ގޯލް ޖެހުމުގެ އިތުރުން ގައުމީ ޓީމުގެ ޖާޒީގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ދިމާއަށް ދިޔުމަށެވެ. އީރާންގެ އަލީ ދާއީ އަތުގައި އޮތް ރެކޯޑަކީ ގައުމީ ޖާޒީގައި 109 ގޯލް ޖަހައިގެން ހަދާފައިވާ ރެކޯޑެކެވެ.

މެޗުގައި ދެޓީމުންވެސް އެޓޭކިން ކުޅުމެއް ކުޅުނެވެ. ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި އެންޓޮން ގްރީޒްމަން ވެސް ރަނގަޅު އެޓޭކްތަކަކަށް ފުރުސަތު ފަހިކޮށްފައި ވެއެވެ. ރޮނާލްޑޯގެ ފަރާތުން ފެނުނު ހަމައެކަނި ހަމަލާ ފެނުނީ މެޗު ނިމެން ދެ މިނެޓެއް ވެފައި ވަނިކޮށެވެ. އެ ހަމަލާ ދިފާއުކުރީ ހޫގޯ ލޮރިސްއެވެ.

ނޭޝަންސް ލީގުގެ ގްރޫޕް އޭ3ގައި ދެޓީމަށް ވެސް ހަތް ޕޮއިންޓް ލިބި އެއް ހަމައެއްގައި އޮތްއިރު، ރޭގެ މެޗަށް ފްރާންސްގެ 1000 ސަޕޯޓަރުން ވައްދާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ސަޕޯޓަރުންގެ އަޑު މެޗުގައި ގަދައަށް އިވިގެން ދިޔަކަންވެސް ފާހަގަ ވިއެވެ.

މެޗަށްފަހު ފްރާންސްގެ ކޯޗު ޑީޑިއޭ ޑިޝޯމްޕް ބުނެފައި ވަނީ އިދިކޮޅުން ނުކުތީ ވަރުގަދަ ޓީމެއް ކަމަށާއި، ރޮނާލްޑޯ ފަދަ ކުޅުންތެރިންނާއެކު ނުކުތް ޓީމަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަބަދުވެސް އިތުރަށް ރަނގަޅުކުރެވޭނެ ކަންކަން ހުންނާނެ. އިދިކޮޅުން ނުކުތީ ރޮނާލްޑޯ ފަދަ ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. އެކަމަަށް އިހުތިރާމް ކުރަން. އެކަމަކު މެޗުގައި ރޮނާލްޑޯއެއް ނުފެނުނު. ދެވަނަ ހާފްގައި މޮޅަށް ކުޅުނީ ފްރާންސުން. ހާއްސަކޮށް ކުރިއަށް ކުޅުނު ކުޅުންތެރިންނާއި މެދުތެރެއިން ހަމަލާ އުފައްދަން މަސައްކަތް ކުރި ކުޅުންތެރިންގެ ހިތްވަރު ފެނުނު،" ޑިޝޯމްޕް ބުނެފައިވެއެވެ.

ޑިޝޯމްޕް ބުނީ މެޗުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް ހައްލުކުރަން ޖެހޭ ކަންކަން ހައްލު ކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.