'ގޯލްސް ޕާ ގޭމް' ރޭޝިއޯ ނުވަތަ، ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެ ލިސްޓަކީ މިހާރު ކުޅެމުން އަންނަ "އެކްޓިވް" ކުޅުންތެރިންގެ މެދުގައި އަޅައި ކިޔާފައިވާ ލިސްޓެކެވެ.

މި މައުލޫމާތު "ގިވް މީ ސްޕޯޓްސް"ގެ ވެބްސައިޓުން އާންމުކުރުމާއެކު ގިނަ ދިވެހިންގެ ސަމާލުކަން އެކަމަށް ހުއްޓުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ އާޖެންޓީނާގެ ލިއޮނަލް މެސީއާއި، އެ މަގާމު ފަސް ފަހަރު ހޯދާފައިވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ކުރިން ދަގަނޑޭ ލިސްޓުގައި އޮތުމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ދަގަނޑޭ ލިސްޓުގެ ދެ ވަނައިގައި އޮތީ 80 މެޗުން 53 ގޯލް ޖަހައި މެޗަކަށް 0.66 ގޯލުގެ ނިސްބަތުންނެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ 2018 ވަނަ އަހަރު ލިސްޓްގެ އެއްވަނައިގައި އޮތް ނަމަވެސް، އޭގެ ފަހުން ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުނީ މިއަހަރުއެވެ. ގިނަ ދުވަސްތަކަކު ނުކުޅެ ހުރުމުންވެސް ދަގަނޑޭއަށް އޭނާގެ މަގާމު ދެވަނައިގައި ހިފަހައްޓައި ލެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ދަގަނޑޭއަށް ގައުމީ ޓީމުގައި އެންމެ ކާމިޔާބު އަހަރަކީ 2013 ވަނަ އަހަރެވެ. އެ އަހަރު ހަތް މެޗުން އޭނާ ވަނީ 14 ގޯލް ޖަހައިފައެވެ. އެއީ މެޗަކަށް 2.0 ގޯލްގެ ނިސްބަތެކެވެ.

މި ލިސްޓުގެ އެއްވަނައިގައި އޮތީ 83 މެޗުން 63 ގޯލް ޖަހައި މެޗަކަށް 0.76 ގޯލުގެ ނިސްބަތުން ޔޫއޭއީގެ އަލީ މަބްޚޫތެވެ.

މިހާތަނަށް ކުޅުނު 165 މެޗުން 101 ގޯލު ގައުމީ ޓީމަށް ޖަހައިގެން މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. އޭނާ ގައުމީ ޓީމަށް ގޯލް ޖަހާފައި ވަނީ މެޗަކަށް 0.61 ގޯލުގެ ނިސްބަތުންނެވެ. އެއީ ލިސްޓުގެ ހަތަރުވަނައެވެ. ރޮނާލްޑޯ މިހާރުވެސް ކުޅެމުން އަންނައިރު، ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާފައިވާ އީރާންގެ އަލީ ދާއީގެ ރެކޯޑު މުގުރާލާނެ ކަމަށް ބެލެވެއެވެ. އަލީ ދާއީ ޖަހާފައި ވަނީ 109 ގޯލެވެ.

ލިސްޓްގެ ތިންވަނަ އިންޑިއާގެ ސުނިލް ޗެތުރީއަށް ލިބެނީ މެޗަކަށް 0.63 ގޯލްގެ ނިސްބަތުން ގޯލް ޖަހައިގެންނެވެ. ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ރޮނާލްޑޯއާ އެއް ހަމައެއްގައި ލިސްޓްގައި އޮތްއިރު، ހަވަނައިގައި އޮތީ ބްރެޒިލްގެ ތަރި ނޭމާ އެވެ. ލިސްޓްގެ 10 ވަނައިގައި އާޖެންޓީނާގެ ލިއޮނަލް މެސީ އޮތީ އެޑިން ޒެކޯއާއި ރޮބާޓް ލެވަންޑޯސްކީ އަދި ލުއިސް ޝުއަރޭޒްގެ ފަހަތުންނެވެ.

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައި ދަގަނޑޭ އޮތީ 10 ވަނައިގައެވެ. އެ ލިސްޓުގެ އެއް ވަނައިގައި އޮތީ ރޮނާލްޑޯއެވެ. ދެވަނައިގައި އޮތީ 72 ގޯލް ޖަހާފައިވާ ޗެތުރީއެވެ. ތިން ވަނައިގައި އޮތީ 71 ގޯލް ޖަހާފައިވާ މެސީއެވެ.