ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލި މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގައި ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި، ވަކީލަކާ މަޝްވަރާ ކުރުމަށް އަދުހަމަށް އިތުރު ފުރުސަތެއް ދެއްވައިފިއެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމުގެ މައްސަލައިގައި ގާޒީ ސުވާލު ކުރުމުން އަދުހަމް ފުރަތަމަ ބުނީ، ވަކީލަކާ ނުލައިވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސް ކަމަށެވެ. އަދި މައްސަލައިން ދިފާއުވުމަށް ވާހަކަ ދެއްކޭނެ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ދައުވާގެ ހުރިހާ ލިޔެކިޔުންތައް ބޭނުންވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.
ވަކީލަކު ހަމަޖެއްސުމުގެ މައްސަލައިގައި އޭނާ އިތުރަށް ބުނީ، ވަކީލަކު އައްޔަން ކުރުމަށް ފޯމު ހުށަހަޅައިގެންވެސް ޖަވާބެއް ނުލިބުނު ކަމަށެވެ. ކޮތަރު ކޮއްޓެއްގައި އޮންނަން ޖެހޭއިރު، ވަކީލަކު އައްޔަނު ކުރަން ދަތިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، އެ މައްސަލައާ ބެހޭގޮތުން ދައުލަތާއި ގާޒީ ފާހަގަ ކުރެއްވި ކަންތައްތަކަށްފަހު، އެ މައްސަލައިގައި ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ، އާ ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާކަން އަދުހަމް ފާހަގަކުރިއެވެ. އެހެންކަމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވުމަށްފަހު އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކުރަން ނިންމަވައި، މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ.
ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 49 އަހަރުގެ ގާސިމު މަރާލާފައިވަނީ، ޑިސެމްބަރު 4، 2019 ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އަދުހަމް ހައްޔަރުކުރީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާކުރުމަށް ހުށަހެޅި ފުލުހުންގެ ރިޕޯޓުގައި ފައިސާތަކެއް ފޭރިގަތުމަށް ތޫނު އެއްޗަކުން ހަމަލާދީ ގާސިމު މަރާލި ކަމަށް އަދުހަމް އިއުތިރާފުވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.
މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަދުހަމު ބުނީ ގާސިމު މަރާލީ ގަސްދުގައި ނޫން ކަމަށާއި އޭނާ މަރާލި ކަމަށް އޭރު އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. އަދި އެދުވަހު އޭނާ ކޯޓަށް ގެނައީ މަސްތުވާތަކެތި ދީގެން ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އޭގެ ކުރިން، ފެބްރުއަރީ 13 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމު މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމު ބުނީ ދައުވާ ވަރަށް ސާފު ކަމަށާއި އެއީ އޭނާ ކުރި ކަމެއް ކަމަށެވެ.
ހުސްވި ސެޕްޓެމްބަރު 28 ގައިވެސް މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް