ކުޅުދުއްފުށީ ސިޓީން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމުލަ ދިހައަކަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޅުދުއްފުށިން ކޮވިޑަށް ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް ދިހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ކުޅުދުއްފުށީގައި ޕޮލިސް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމުލަ 10 މީހުން ވަނީ ޕޮޒިޓިވްވެފައި. 8 އޮކްޓޫބަރުގައި ހަތަރު މީހަކު ޕޮޒިޓިވްވެފައިވޭ. އެއީ ދިއްދޫއިން ތިން މީހުން އަދި ފޯކައިދޫއިން އެކަކު. އަދި އިއްޔެގައި ދިއްދޫއިން އިތުރު އެކަކު ވަނީ ޕޮޒިޓިވްވެފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއާއެކު އެރަށް ހިމެނޭ ގޮތަށް ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. ނަމަވެސް އެ ހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން ނަގައިފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ކުޅުފުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއަކީ އުތުރުގެ ބައެއް ރަށްރަށުގައި ފުލުހުން މިދިޔަ މަހުގެ 24 އިން ފެށިގެން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ބައިވެރިވި ފަރާތެއް ކަމަށެވެ. އެ އޮޕަރޭޝަނަށް މާލެއިންނާއި އެހެން ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުންވެސް ފުލުހުން ބައިވެރިވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.