ބާސެލޯނާގެ ކެޕްޓަން، އާޖެންޓީނާގެ ލިއޮނަލް މެސީ ގެންދަން މިހާރުވެސް ތައްޔާރަށް ތިބި ކަމަށް މެންޗެސްޓާ ސިޓީން ބުނެފިއެވެ.

ބާސާގެ ބޯޑާ މެސީއާ ދެމެދު މައްސަލަތަކެއް ދިމާވެ، މިދިޔަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އެދިފައިވެއެވެ. އޭރުވެސް މެސީ ގެންދަން ސިޓީ ތައްޔާރުވެފައިވާ އިރު، އެކަމާ މެދު ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މި ސީޒަނަށްފަހު މެސީ ގެންދިޔުމާ ގުޅޭގޮތުން ސިޓީގެ ސީއީއޯ އޮމަރު ބެރާދާ ވަނީ ވާހަކަދައްކައިފައެވެ.

"މެސީއަކީ އާންމުކޮށް ސިޓީން ގެންދަން ސްކައުޓް ކުރާ އުމުރުގެ، ނޫނީ އެ ގިންތިތަކަށް ނުފެތޭ ކުޅުންތެރިއެއް ނަމަވެސް، މެސީގެ ހުނަރާއި ފެންވަރާ މެދު ދެބަސްވުމަކަށް ނުދާނެ. މެސީ ގެންދިޔުމަށް ސިޓީ ތައްޔާރު. މެސީގެ ސަބަބުން ސިޓީއަށް ހެޔޮ އަސަރުކުރާނެ. މެސީ ގެންދިޔުމުގައި ދިމާވާ ފައިސާގެ އެންމެހާ ޗެލެންޖުތަކަށްވެސް ސިޓީ ތައްޔާރު،" ބެރާދާ ބުނެފައިވެއެވެ.

ބާސާގެ ރައީސް ޖޯސެފް ބާޓެމިއުއާ މައްސަލަ ޖެހި، މިސީޒަންގެ ކުރިން މެސީ ވަނީ ބާސާ ދޫކޮށް ދިއުމަށް މަސައްކަތްތަކެއް ކޮށްފައެވެ. ކްލަބުގެ ކޮންޓްރެކްޓް އުވާލައިދިނުމަށް މެސީ ރަސްމީކޮށް އެދިފައިވެސް ވާއިރު، ބާސާގެ ރައީސް ވަނީ މެސީގެ ކޮންޓްރެކްޓް އުވާލަ ނުދޭނެ ކަމަށް ބުނެ، ލަލީގާ މެދުވެރިކޮށްވެސް ގާނޫނީ ފިއްތުންތައް ކުރިމަތި ކުރުވައިފައެވެ. އަދި ގާނޫނީ ބޮޑު ހަނގުރާމައަކަށް ދާން ޖެހިދާނެތީ މެސީ ވަނީ މި ސީޒަނަށް ބާސާގައި މަޑުކުރަން ނިންމައިފައެވެ.

މެސީ މީޑިއާއަށް ބުނެފައިވަނީ މިސީޒަނަކީ އޭނާ ބާސާ ޖާޒީގައި ކުޅޭނެ ފަހު ސީޒަން ކަމަށާއި ބާސާގެ ރައީސް ބާޓެމިއޫއަކީ ދޮގު ހަދައި، އޮޅުވާލާ މީހެއް ކަމަށެވެ. މެސީގެ މައްސަލައިގެ އިތުރުން އެތައް ގިނަ ސަބަބުތަކާ ހުރެ ބާސާގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ކްލަބުން ތައްޔާރުވެފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން ބާސާގެ ރައީސް ބަދަލުވެއްޖެ ނަމަ، މެސީ އަދިވެސް އެ ކްލަބުގައި މަޑުކުރާނެއެވެ.

މެސީގެ ރިލީސް ފީއަކީ 700 މިލިއަން ޕައުންޑް ކަމަށްވާ އިރު، ބާސާ ދޫކޮށްލަން މެސީއަށް އޮތް ހަމައެކަނި ގޮތަކީ ކޮންޓްރެކްޓް އުވައިލުން ނޫނީ ކޮންޓްރެކްޓް ހަމަވުމެވެ. ސަބަބަކީ ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރެއިން އެއްވެސް ކްލަބަކަށް އެއް ޓްރާންސްފާ ސީޒަނެއްގައި އެފަދަ ބޮޑު ރިލީސް ފީއެއް ދެއްކެން ނެތުމެވެ.