ރެއާލް މެޑްރިޑަށް ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެން ކަމަށް ފްރާންސްގެ ފޯވަޑް ޕައުލް ޕޮގްބާ ބުނުމުން، އެކަމަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޮގްބާ، ފްރާންސްގެ މެޗަށްފަހު ވާހަކަ ދައްކަމުން ބުނެފައި ވަނީ ރެއާލްއަކީ ކޮންމެ ކުޅުންތެރިޔަކުވެސް ކުޅެން ބޭނުންވާނެ ކްލަބެއް ކަމަށާއި، އެއީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ރެއާލްއަށް ކުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ޕޮގްބާ ބުނެފައި ވެއެވެ.
އެއާއެކު ޕޮގްބާ އިތުރަށް ބުނީ އޭނާ މިހާރު ހުރީ ޔުނައިޓެޑުގައި ކަމަށާއި، ކްލަބަށް ހައްގުވާ މަގާމަށް ގެންދަން 100 ޕަސެންޓް ދޭނެ ކަމަށެވެ. ޔުނައިޓެޑަކީ އަބަދުވެސް ލޯބިވާ ކްލަބެއް ކަމަށާއި، މިވަގުތު އެންމެ ބޮޑަށް ފޯކަސް ކޮށްގެން ކުރާ މަސައްކަތަކީ ޔުނައިޓެޑުގައި ފޯމް ރަނގަޅު ކުރުން ކަމަށްވެސް ޕޮގްބާ ބުނެފައި ވެއެވެ.
ޕޮގްބާ 2016 ވަނަ އަހަރު ރެކޯޑު 89 މިލިއަން ޕައުންޑުގެ އަގަކަށް ޔުވެންޓަސްއިން ޔުނައިޓެޑަށް ބަދަލުވެ ހަދާފައިވާ އެއްބަސްވުން މި އަންނަ އަހަރުގެ ހޫނު މޫސުމަށް ހަމަވާނެއެވެ. ޔުނައިޓެޑަށް އެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމުގެ އިހުތިޔާރު ލިބިގެންވާއިރު، ޕޮގްބާ އަބަދުވެސް ޔުނައިޓެޑް ދޫކޮށްލަން އުޅޭކަމުގެ އިޝާރާތްތައް ދެމުންދާތީ އެކަމަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.
އީއެސްޕީއެންގެ ޕަންޑިތެއް ކަމަށްވާ ޖާން އޭގެ ފޯޓޯފްޓް ބުނެފައި ވަނީ ޕޮގްބާ އަނގަމަޑުންލައިގެން ހުންނަން ޖެހޭ ކަމަށާއި، ފުރަތަމަ ކަމަކަށް ވިސްނަން ޖެހޭނީ އަމިއްލަ ޓީމުގައި ފޯމް ރަނގަޅު ކުރުމަށް ކަމަށެވެ. ފޯޓޯފްޓަކީ ނޯވޭގެ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ، އިނގިރޭސި ލީގުގައިވެސް 400 އެއްހާ މެޗު ކުޅެފައިވާ ތަޖުރިބާކާރު އެނަލިސްޓެކެވެ.
އެވަގުތު ސްޓޫޑިއޯގައި ފޯޓޯފްޓާ އެކު އިން، ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު ސްޓީވް ނިކޯލްވެސް ވަނީ އެކަމަށް ބާރުދީ ވާހަކަ ދައްކައިފައެވެ.
"ކުޅުންތެރިންގެ ފަރާތުން އެކަހަލަ ދަށު ދަރަޖައިގެ ވާހަކަތައް އިންޓަވިއުތަކުގައި ދައްކަން ޖެހޭ ސަބަބެއް ނުފެނޭ. ސުވާލެއް ހަމަ ކުރާއިރަށް ޖަވާބު ދޭކަށް ނުޖެހޭނެ. ޖަވާބު ދޭނަމަވެސް ދޭން ޖެހޭނެ ޖަވާބަކީ މެންޗެސްޓާ ޔުނައިޓެޑުގައި އުފަލާއެކު ހުރި ކަމަށް. އެއީ މިވަގުތު ވިސްނާ ހަމައެކަނި ކަންތައް ކަމަށް. އެހިސާބުން ނިމުނީ. ރެއާލްގެ ވާހަކަ ދައްކާކަށް ނުޖެހޭ،" ނިކޯލް ބުނެފައި ވެއެވެ.
ނިކޯލް އިތުރަށް ބުނެފައި ވަނީ ޕޮގްބާއަކީ ލީޑާޝިޕްގެ އެއްވެސް ސިފައެއް ނެތް ކުޅުންތެރިއެއްކަން ފެންނަ ކަމަށާއި، އެއީ ފުޓުބޯޅައިގައި އިތުބާރު ގެއްލޭ ކަހަލަ ވާހަކަތައް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު