އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގަ އެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވި އިރު، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށާއި އެ މީހުން ރާއްޖެއިން ބޭލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ. "އިންޑިއާ އައުޓް" ނަމުގައި ހިންގާ މި ހަރަކާތް ފުޅާވަމުން އަންނަ އިރު، ކަޅު ފޮތިގަނޑެއްގައި "އިންޑިއާ އައުޓް" ޖަހައި ނަގާފައިވާ ދިދަތަކެއް ވެސް ވަނީ ފެންނާން ފަށައިފަ އެވެ.
މަޖިލިސް ރައީސްގެ ޓުވީޓުގައި ވިދާޅުވީ، އެ ދިދައިގައި މިހާރު އެވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ. ދިވެހިން މިކަމަށް ވިސްނުމަށް ވެސް މަޖިލިސް ރައީސްގެ ޓުވީޓުގައި ވަނީ އެދިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާދި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ނޫޅޭ ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ހިނގާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް