ކީޕަރު އިމްރާން މުހައްމަދު

ގައުމީ ކެޕްޓަން އިމްރާން ބޮޑުކަންނެއްޔަށް! މިއަދު އޭނާއަކީ ބޮޑުކަންނެލީގެ މަސްވެރީންގެ އަޑު އުފުލައިދޭ މަސްވެރިޔެއް!

މުޙައްމަދު ޝަމްޢޫން

އދ. މަހިބާދޫއަށް އުފަން އިމްރާން މުހައްމަދު (އިންމަ) އަކީ ދިވެހީންނަށް އާ މޫނެއް، އާ ނަމެއް ނޫނެވެ. "ގައުމީ ބަތަލެއް"ގެ ގޮތުގައި އެތައް ބަޔަކު އިންމަ ސިފަ ކުރީ، އިންމަގެ ގައުމީ ޖޯޝާއި ގައުމީ ރޫހަށްޓަކައެވެ. ފުޓުބޯޅަ ދަނޑު މަތީގައި ގައުމުގެ ބެޖަށް، ގައުމުގެ ދިދައަށް އިންމަ ކޮށްދިން 17 އަހަރުގެ އަގުހުރި ހިދުމަތް ތާއަބަދު ދިވެހި ކުޅިވަރު ތާރީހުގައި ދެމިގެންދާނެއެވެ. އެކަމަށް ޝަރަފުގެ އިނާމް އަރުވާފައިވާއިރު، ރަން މެޑަލް ގެނެސްދީ، އެތަކެއް ފަހަރަކު ގައުމު ތަމްސީލުކުރަން، ގައުމީ ޓީމުގެ ސަލާމަތަށް ޓަކައި ގޯލު ބަލަހައްޓަން ނުކުތް އިންމަގެ ފުޓުބޯޅަ ކެރިއަރަކީ ޒުވާން ޖީލުތަކަށް ނަމޫނާއެކެވެ.

ޝަރަފުވެރިކަމާއެކު އިންމަ ގައުމީ ޓީމުން ރިޓަޔާކޮށް، މިހާރު ހުރީ ފުޓުބޯޅައިންވެސް ދުރުގައެވެ. ކާމިޔާބު ކެރިއަރަކަށްފަހު އިންމަ ފުޓުބޯޅަ ދަނޑު ދޫކޮށްލީ ފީފާގެ ސެންޗަރީ ކްލަބުންވެސް ޖާގަ ހޯދައި، ދިވެހީން އެންމެ ފަހު ފުރުސަތުގައިވެސް ފަހުރުވެރި ކޮށްދީފައެވެ. ގައުމީ ޓީމުގެ ވައިސް ކެޕްޓަން ކަމުގެ ޒިންމާ އަދާކުރަމުން، ކެޕްޓަންގެ ބޭންޑް އަޅައިގެން ވެސް ކިތަންމެ މެޗެއްގައި އޭނާ ވަނީ ރާއްޖެއިން ބޭރުގައި ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިދީފަ އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީނު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އިންމަ ވަނީ ކޮށްފައެވެ. އެކަމަކު، މިހާރު ފުޓުބޯޅައަކީ އިންމަގެ މައިގަނޑު ފީލްޑެއް ނޫނެވެ.

ގައުމު ދުށް އެންމެ ޑިސިޕްލިން، އެންމެ ކާމިޔާބު، އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެއް ކުޅުންތެރިޔާ، އިންމަ މިއަދު ފެންނަނީ މުޅިން ތަފާތު މަސައްކަތެއްގައެވެ. ތަފާތު ނަމަވެސް އިންމައަކަށް މުޅިން އާ މަސައްކަތަކުން ނޫނެވެ. މަސްވެރިކަމުގައެވެ. އެ ދާއިރާގައި އިންމަ މިއަދު ވެފައިވަނީ މުޅި ގައުމުގެ، ބޮޑު ކަންނެލީގެ މަސްވެރިންގެ އަޑަކަށެވެ. އިންމަ މީސްމީޑިއާ އެކައުންޓްތަކުން، ބޮޑު ކަންނެލީގެ މަސްވެރިންގެ ދިފާއުގައި ދައްކަމުން އައި ވާހަކައިގައި ރަސްމީ ސިފަ ޖައްސައި، މިއަދު ހުރީ އެ މަސްވެރިން އޮޑީގައި ދައްކާ ވާހަކަ އެކިއެކި އިދާރާތަކަށް ގެންގޮސްދޭ ބައިވެރިއެއްގެ ގޮތުގައެވެ.

"އަޅުގަނޑަކީ ހަމަ މަސްވެރި އާއިލާއަކަށް ނިސްބަތްވާ މަސްވެރިއެއްގެ ދަރިއެއް. އެންމެ ކުރީއްސުރެވެސް އޭގެ ތެރޭގައި މި އުޅެވެނީ. ދެން އޭރު ބޯޅަ ކުޅެން އައިމަ ބޯޅަ ކުޅެން އުޅެފައި، ބޯޅަ ކުޅެ ނިމުނީމަ ދެން އަނެއްކާވެސް މަސްވެރިކަމުގެ ތެރޭގައި މިއުޅެވެނީ. އަޅުގަނޑަކީ މަސްވެރިއެއް، އަނެއްހެން ބުނަންޏާ އޮޑިވެރިއެއް،" އަމިއްލަ ދޯންޏެއް ގެންގުޅެމުން އަންނަ އިންމަ، "ވަން އޮންލައިން"އަށް އޭނާ މަސްވެރިކަމުގައި ކުރަމުން އަންނަ މަސައްކަތް ކިޔައިދެމުން ބުންޏެވެ.

"އަސްލު މަސްވެރިކަމޭ ބުނީމަ އާންމުކޮށް މި ސިފަވެފައި އޮންނަނީ ދޮށީގެ މަސްވެރިކަމުގެ ގޮތުގައި. ބޮޑު ކަންނެލީގެ މަސްވެރިކަމަކީ އޮންނަ އެއްޗެއްކަން މީހުންނަށްވެސް، ވުޒާރާތަކަށް ވެސް ރަނގަޅަކަށް ނޭނގެ. އެއީ ތަފާތު ދެ މަސައްކަތެއް. ބޮޑު ކަންނޭލީގައި އާންމުކޮށް އެކްސްޕޯޓް ކުރާނީ. އޭގައި ވާގޮތަކީ މިފްކޯއިން ބޮޑު ކަންނެއްޔެއް. ދެން އަމިއްލަ ކުންފުނިތަކަށް ވިއްކަން ޖެހެނީ. ވަރަށް ބައިވަރު ދަތިތަކެއް އެބަހުރި އެކަންކަމުގަ. އެހެންވީމަ އެކަންތައްތަކަށް މީހުން ހޭލުންތެރިކުރުމާއި، އަހުލުވެރިކުރުވުމާއި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ގެންދަން ޖެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމަށް މި ހެދީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއެއް. އަޅުގަނޑުމެން އިސްކޮށް ތިބެ ހެދި އެއްޗެއް އެއީ،" އިންމަ ބުންޏެވެ.

އިންމަގެ މީސްމީޑިއާ ސްޓޭޓަސްތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެމުން ދެއެވެ. ހާއްސަކޮށް މަސްވެރިންގެ ކަންކަމުގައި ހައްގު ބަސް އުފުލައިދޭން ގައުމުގެ ޝަރަފުވެރިއެއް ނުކުތުމުން، އެކަން ވެގެންދަނީ މަސްވެރިންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްވަރު ކަމަށެވެ. މަސްވެރިންނަށް އިންކަމް ސަޕޯޓް ދޫކުރި ހަބަރާއި ގުޅިގެން އިންމަ ފާޅުކުރި ހިޔާލުގެ ރައްދުގައި ލިބިފައިވާ ތައުރީފުންވެސް އެކަން ސާފުވެގެން ދެއެވެ.

"ބޮޑުކަންނެލި މަސްވެރިންނަށް އިންކަމް ސަޕޯޓު ނުލިބޭނެ ކަމަށްވަނީ ނިންމާފައި، ސަބަބެއް ކަމަށް ބުނަނީ މަސްގަންނަ ފަރާތްތަކަށް 100 މިލޔަންގެ ކުރެޑިޓް ލައިނެއް ދީފައިވާތީ! ދަތުރެއްގަ 3 ޓަނު ކަންނެލި ބާނައިގެން 25ރ އަށް ކިލޯ އެއް ކިރައިގެން ހަރަދު ކަނޑާފަ ބަހާލީމަ މަސްވެރިއަކަށް ލިބޭނީ 1000ރ ވަރު. މަހަކު 3 ބުރު ޖެހީމަ ލިބެނީ 3000ރ ވަރު. ކިތައް ދޯނިތޯ ހަރަދު ކަނޑާލެވޭވަރު ނުވެގެން މަހަށް ނުފުރި އޮތީ،" އިންކަމް ސަޕޯޓް އެލަވަންސާއި ގުޅިގެން އިންމަ ލިޔެފައި ވެއެވެ. އެ ހިޔާލަށް ބޮޑު ކަންނެލީގެ މަސްވެރިން މަރުހަބާ ކިޔާފައި ވަނީ ހެޔޮހިތުންނެވެ.

"މަސްވެރި ހުރިހާ މީހުންގެ އެހީތެރިކަމާވެސް އެކުގައި، ވަރަށް ކައިރިން، އޮޑީގައި ދައްކާ ވާހަކަތައްވެސް އަޑުއިވޭ. އެމީހުން ކަނޑު މައްޗަށް ގޮސް ރޭންޖް ނުލިބޭ ހިސާބުގައި މިއުޅެނީ. އުޅެފައި އައިސް އެއް ދުވަސް ދެދުވަސް ތިބެފައި އަނެއްކާ ދާން ޖެހެނީ. އެމީހުންގެ ހައްގުގައި މިކަހަލަ ކަމެއް ކުރެވޭނީ އަހަރެމެން ކަހަލަ މީހަކަށް ކަމަށްވާތީ އެކަން މިކުރެވެނީ. ކަންބޮޑުވުންތައް އަޑު އިއްވަން ބޭނުންވަނީ. ދެން އަޅުގަނޑު ފޮލޯކުރާ މީހުންވެސް ގިނަ ވެދާނެ. އެކަމަކު އެއްގޮތަކުންވެސް ކުރީގެ ކެރިއަރު ބޭނުންކޮށްގެން ކަމެއް ހާސިލްކުރަނީކީ ނޫން. އަޅުގަނޑަކީ ހަމަ ސީދާ ބޮޑު ކަންނެލި އާއިލާއަކަށް ނިސްބަތްވާ މީހަކަށްވާތީ އެކަން މިކުރަނީ،" އިންމަ އޭނާ ފާޅުކުރާ ހިޔާލުތަކާއި ގުޅިގެން ބުނެފައި ވެއެވެ.

ފުޓުބޯޅަ ނިންމައި އިންމަ ދިވެހި މަސްވެރިންގެ، ބޮޑު ކަންނެލީގެ މަސްވެރިންގެ ހިދުމަތަށް ނުކުތީ "ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރެވިފައި ނެތުމުން، އެމީހުންނާ ބަޔަކު އަޅައިލައިފައި ނެތުމުން،" ކަމަށް އިންމަ ބުންޏެވެ. އިންމަ ގެ އަޒުމް ހުރީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށެވެ. މަސްވެރިއެއްގެ ދަރިއަކަށް ވެ، މަސްވެރި އާއިލާއެއްގެ ފަހުރު ދެމެހެއްޓުމަށް، ރާއްޖެ ދުށް އެންމެ މޮޅު ގޯލްކީޕަރު މިއަދު ހުރީ މަސްވެރިއެއްގެ ތޮފީގައި ދިރުނބާ ކޮޅުގައެވެ. ބަސްވިކޭ އޮޑިއެއްގަ އެވެ.