ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ގްރޫޕް ސީގައި އިއްޔެ ކުޅުނު މެޗުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ބޮޑު ތަފާތަކުން ޕޮލިސް ކްލަބު ބަލިކޮށްފިއެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ސޮކަ މޭޓްސްއިން ޕޮލިސް ކްލަބު ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެމްއެސްއެމްއަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވިފައެވެ. އެއީ ތިން މެޗުން ބަލިނުވެ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި އެއްވަރުވީ ހުއްރިއްޔާ ސްޕޯޓްސް ކްލަބު އަތުންނެވެ.
ގްރޫޕް ސީން ޕޮލިސް ކްލަބަށް އިއްޔެ މެޗުގެ ކުރިންވެސް ކުއާޓާ ޔަގީން ވެފައި އޮތް އިރު، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގްރޫޕުން ކުއާޓާއަށް ދާ ތިންވަނަ ޓީމު ޔަގީންވާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ހުއްރިއްޔާ ކުޅޭ ގްރޫޕްގެ ފަހު މެޗުންނެވެ. އެ މެޗު ހުކުރު ދުވަހުގެ ހަވީރު އޮތް އިރު، ހުއްރިއްޔާއަށް މިހާތަނަށް ލިބިފައި އޮތީ ދެ ޕޮއިންޓެވެ. ގްރީން ސްޓްރީޓްސްއަށް އަދި މޮޅެއް ނުހޯދެވެ. ފަހު މެޗު އެއްވަރު ކޮށްލައިގެންވެސް ހުއްރިއްޔާއަށް ކުއާޓާގެ ފުރުސަތު އެބައޮތެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ސޮކަ މޭޓްސްއިން ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފައެވެ. އޭގެ ތެރެއިން ދެ ގޯލު ކެޕްޓަން އައްސަދު އަބްދުލްޣަނީ ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ އިސްމާއީލް އަނިލްއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އަނިލްގެ އިތުރު ގޯލެއް ފެނިގެން ދިޔަ އިރު، އާދަމް ލަރީފް (ރޮނާ) ވަނީ 54 ވަނަ މިނެޓުގައި ސޮކަ މޭޓްސްގެ ފަސްވަނަ ގޯލު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސޮކަ މޭޓްސްގެ ގޯލު ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިއްމަ) އިއްޔެގެ މެޗުގައިވެސް ދެވަނަ ހާފަށް ކުޅެން ނުކުމެފައިވާ އިރު، ދެވަނަ ހާފުގައި ސޮކަ މޭޓްސްގެ ގޯލްކީޕަރަކީ މުހައްމަދު ޝިނާން (ނާނި)އެވެ.
މެޗުގައި ސޮކަ މޭޓްސްގެ ހަވަނަ ގޯލު އަހުމަދު އައްޝަމް ޖެހި އިރު، އިންމަގެ ގޯލު ފެނުނީ ފަހު މިނެޓުގައެވެ. އިންމަގެ ގޯލަކީ އަރިމަތިން އައްޝަމް ނަގައިދިން ހުރަސް، އޭރިއާ ތެރެއިން ހުސްކޮށް އަރައި ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ގައުމީ ޓީމުގައި 17 އަހަރު ވަންދެން ގޯލު ބެލެހެއްޓި، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިޥާ ކުޅުންތެރިޔާ އިންމަ، ވެޓެރަންސް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސޮކަ މޭޓްސްއިން ކުޅުނު އިތުރު މެޗެއްގައިވެސް ފޯވަޑަށް ނުކުމެ ނުރައްކާ ކޮށްފައިވެއެވެ.
ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދިވެހި ސިފައިންގެ ކްލަބާއި ސްޓެލްކޯއެވެ. މެޗު ފަށާނީ ހަވީރު 4:30 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް