ގައުމީ ޓީމުތަކަށް ކުރާ ހިދުމަތަށް، ކެރިއަރު ނިންމާލުުމުން އެކަށީގެންވާ އަގުވަޒަން ކުރުމެއް ލިބޭތޯ ސުވާލުކޮށް، ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ ދީފައިވާ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އިމްރާން މުހައްމަދު (އިންމަ) މުހިއްމު ސުވާލެއް އުފައްދައިފިއެވެ.
އިންމަ އެފަދަ ގޮތަކަށް ޝުއޫރު ފާޅުކޮށްފައި ވަނީ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. އިންމަ ބުނީ 20 ވަރަކަށް އަހަރު ތެރޭގައި ގައުމީ ޓީމަށް 110 ވަރަކަށް މެޗު ކުޅެ، އެތައް ކަމެއް އެކަމަށް ގުރުބާން ކުރުމުން، އެކަމުގެ ބަދަލުގައި ކެރިއަރު ނިމުމުން ޕެންޝަނެއްގައިވެސް ލައްވާނުލި ކަމަށެވެ.
"ވިހި ވަރަކަށް އަހަރު ތެރޭގައި ގައުމީޓީމަށް 110 މެޗު ކުޅެ ،އެތަކެއް އަނިޔާއެއްވެ، އާއިލީ އެތައް މުހިއްމު އަދި ހާއްސަ ވަގުތުތަކެއް ގުރުބާންކޮށް ގައުމަށް އެތަކެއް ކާމިޔާބީއެއް ހޯދަދީފައި، ކެރިއަރު ނިންމާލުމަށްފަހު މިއަދު އިށީނދެލައިގެން އިނދެ ރަނގަޅަށް ވިސްނާލާއިރު ހިތަށް މިއަރަނީ އަސްލު މިކުރެވުނީ ރަނގަޅު ކަމެއްބާވަޔޭ؟މިހާރު ހިތަށް އެބަ އަރާ މިކަން ނުކޮށް 20 އަހަރު ވަޒީފާއަކަށް ދެވުނުނަމަ ހަމަ ގައިމުވެސް އެއްމެ ކުޑަމިނުން ޕެންޝަން ވެސް ލައްވާލާނެތާއޭ!،" އިންމަ ބުންޏެވެ.
އިންމައަކީ ގައުމީ ޓީމުގެ ގޯލްކީޕަރުކަން 17 އަހަރަށްވުރެ ގިނަ ދުވަހު ކޮށް، 110 މެޗު ގައުމީ ޓީމަށް ކުޅެ، ފީފާ ސެންޗަރީ ކްލަބުގައި ހިމެނިފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ކެރިއަރަކީ ރަން ކެރިއެކެވެ. ގައުމީ ޓީމުގެ ޖާޒީގައި ކުޅެ، އެތައް އަނިޔާއަކާވެސް ކުރިމަތިލާފައިވާ އިރު، އިންމަގެ ޕޯސްޓްގައި އަނިޔާވެފައިވާ އިނގިލީގެ ފޮޓޯއެއްވެސް ހިއްސާ ކޮށްފައިވެއެވެ.
އިންމަ އިތުރަށް ބުނީ އަގުވަޒަންކުރުމުގެ އުސޫލު އޮތް ގޮތުން، ގައުމީ ހިދުމަތަށް ނުކުންނަ ހުނަރު މަދުވާ ކަމަށާއި، އެކަމުގައި ދެމި ތިބުމާމެދު އެތުލީޓުން ސުވާލު ކުރާނެ ކަމަށެވެ.
" ކުޅިވަރުގައި ރަނގަޅު ނަތީޖާތަކެއްނެރޭނެ ހުނަރުވެރި އެތްލީޓުން ދިގު މުއްދަތެއްގައި ޤައުމީޓީމްތަކުގައި ދެމި ތިބޭނީ އެކަން ކޮއްގެން އޭނާގެ ދިރިއުޅުމަށް މުސްތަގުބަލުގައި ފައިދާއެއްވާނެނަމަ. ހިތާމައަކީ ހުނަރުވެރި އެތައް ކުޅުންތެރިންނެއްގެ ހިދުމަތް މިސަބަބާ ހެދި ގައުމީ ޓީމުތަކަށް ނުލިބި ދާކަން. މިކަމަކީ ކުޅިވަރު އެސޯޝިއޭޝަންތައް، ކުޅިވަރާބެހޭ މިނިސްޓްރީ އަދި ކުޅިވަރާ ގުޅުންހުރި އެއްމެހާ ފަރާތްތަކުން ވިސްނާލުން މުހިއްމު ކަމެއް ކަމަށް ދެކެން. މިހާތަނަށް ފެނިގެންދިޔައީ މިފަދަ ކަންކަމުގައި ފޮނި ހުވަފެންތަކެއް، އެހުވަފެންތަކުގައި ކުލަޖެހުނު ތަނެއް އެތުލީޓުންނަކަށް އަދި ނުފެނޭ. އުއްމީދުކުރަނީ އަވަސް މުސްތަގުބަލެއްގައި މިކަމުގެ ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށް،" އިންމަ ބުންޏެވެ.
އިންމަގެ އެވާހަކައަށް ތާއީދުކޮށް، ރާއްޖޭގެ ބައެއް އެހެން ކުޅިވަރުތަކުގެ އެތުލީޓުންވެސް ޝުއޫރު ފާޅުކޮށްފައިވެއެވެ. އޭގެ އިތުރުން ކުރީގެ މަޝްހޫރު ކުޅުންތެރިންވެސް އެކަމަށް ވާހަކަ ދައްކާފައިވެއެވެ.
އިންމައާއެކުވެސް ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ރަން ކާމިޔާބީތަކެއް ހޯދި ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ވެސް ބުނީ ކުޅުންތެރިންގެ ގުރުބާނީ ވަޒަން ކުރެވޭނެ ސިސްޓަމެއް ނެތް ކަމަށާއި، ބޭންކް ލޯނަކަށް ކުރިމަތިލެވޭނެ ނިޒާމެއްވެސް ކުޅުންތެރިންނަށް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ސިސްޓަމުގެ ތެރެއިން ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭނެ އެއްވެސް މަންފާއެއް ކުޅިވަރު އެތިލީޓުންނަށް ލިބެން ނެތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އެކަމަށް ލެޖެންޑަރީ ގޯލްކީޕަރު އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ވެސް ވާހަކަ ދައްކާފައިވެއެވެ. މާއްޓޭވެސް ފާހަގަކުރީ ޝަރަފުވެރިކަމާއެކު ރިޓަޔާކުުރުމަށްފަހު މާލީ އެއްވެސް މަންފާއެއް ހޯދަން އެތުލީޓުންނަށް އުނދަގޫ ކަމަށާއި، ކުޅިވަރަށް ކުރި ހިދުމަތާއެކު ޝަރަފުކަމާއެކު ހަމަޖެހިލައިގެން ދިރިއުޅުން ނިންމާލަންވެސް އޮތީ އުނދަގޫ މަގެއް ކަމަށެވެ.
މާއްޓޭ އިތުރަށް ބުނީ އެކަން ރަނގަޅު ކުރުމަށް ހަރުދަނާ ޕްރޮފެޝަނަލް ކުޅިވަރުގެ ނިޒާމެއް ގެންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް އެތުލީޓުންނަށް ހާއްސަ ސިސްޓަމެއް ގެންނަން ޖެހޭ ކަމަށްވެސް ފާހަގަކުރިއެވެ.
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު
ކީޕަރު އިމްރާން މުހައްމަދު