މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ އެކައުންޓްތައް ފުރީޒް ނުކުރެވޭނެ ކަމަށް، ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް އާއި ފުލުހުން ހޭވި ހަޑީގެ ގެއްލުން ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޫސާ ސިރާޖު ވިދާޅުވީ، ޕީޖީ ކަމުގެ މަގާމުން ބިޝާމް ބަދަލުވެއްޖެ ކަމަށާއި، ފުލުސް ރިފޯމް އަވަސް ވާން ޖެހޭ ކަމަށެވެ. އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވާން ޖެހޭ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، "ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދު ކޮށްފިން،" ކަމަށެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން އެދުނު ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ އެކައުންޓްތަކުގައި ހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީ އާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުސަތު އޮތްކަމަށް ފެންނާތީ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ އަށް އެކައުންޓް ފްރީޒްކުރަން ހުށަހެޅިއިރު އެ އަށް އެކައުންޓުގައިވާ ފައިސާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް، 10 ޖޫން 2018 ވަނަ ދުވަހު އާމީންގެ އަމިއްލަ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންތަކުން ޖަމާކޮށްފައިވާ އެއްމިލިޔަން ޑޮލަރުގެ މުއާމަލާތާއި، ގުޅުނީ ކިހިނެއްކަމެއް ނުވަތަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އާއި އެ އަށް އެކައުންޓްގައިވާ ފައިސާއާ ގުޅުމެއް އޮތްކަން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސޫދުގެ ރައުޔަށް، މިއަދު ގެ ބެންޗުގައި ތިއްބެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ، ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.