ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަ މާލީ އިނާޔަތް އުވާލުމަށް ތާއީދު ކުރައްވާ ކަމަށް ވެރިކަން ހިންގާ ކޯލީޝަންގެ މައި ޕާޓީ ޕީއެންސީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކުގެ އަދަދު ކޮންމެ ދައުރަކުން އިތުރުވަމުންދާ އިރު، އެފަރާތްތަކަށް މާލީ އިނާޔަތްދޭން ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ބޮޑުވަމުން އަންނަ މައްސަލައިގައި އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެކަމާ ގުޅިގެން އެ އިނާޔަތްތައް ކަނޑައިލުމަށް އެކި ދައުރުގައި މަޖިލީހަށް ހުށަހަޅާފައިވެސް ވެއެވެ.
އެގޮތުން އެ އިނާޔަތްތައް ކަނޑައިލުމަށް އެންމެ ފަހުން ހުށަހެޅީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައި އެ އިނާޔަތްތައް ކަނޑައިލުމަށް 2022 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ އޭރުގެ މެންބަރު، އަދި މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއެވެ.
އޭނާ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނި ކުރުމަށެވެ.
އެ މާއްދާގައި ބުނަނީ، މަޖިލީހުގައި އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މާލީ އިނާޔަތްތަކުގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ދެ ދައުރު މެންބަރުކަން އަދާކޮށްފައިވާ މީހަކަށް މުސާރައިގެ 45 ޕަސެންޓް ދޭންވާނެ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލިސް މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށާއި ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ބޭނުންވީ 19 މެންބަރުންގެ ވޯޓެވެ.
އެހެންކަމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު