ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ) ލީޑަރުކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިންތިހާބުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މޫސާ ސިރާޖަކީ ޕީއެންސީގެ ލީޑަރު ކަމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެކަން އިއުލާން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މޫސާ ސިރާޖަކީ މީގެ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގެންނެވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން 21 އޮގަސްޓުގައެވެ.

އެއަށްފަހު އޭނާވަނީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައި، ޕީޕީއެމަށް ސޮއިކުރައްވައިފައެވެ. ނަމަވެސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވުމުން އޭނާ ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.