ކުއްލި ޚަބަރު

ދިހަ މީހުންނަށްވުރެ ގިނައިން ކަރަންޓީންވާނަމަ ކަރަންޓީނުވުމުގެ ކުރިން ޕީސީއާރު ޓެސްޓު ކުރަން ޖެހޭ ގޮތް ހަދަނީ

އަލީ ޔާމިން

ދިހަ މީހުންނަށް ވުރެ ގިނައިން ކަރަންޓީންވާނަމަ ކަރަންޓީނުވުމުގެ ކުރިން ޕީސީއާރު ޓެސްޓު ކުރަން ޖެހޭ ގޮތަށް ގަވައިދެއް އެކުލަވައިލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ފުރަބަންދު ކަރަންޓީނަށް ދިއުމުގައި އަމަލު ކުރާ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިހަ މީހުންނަށް ވުރެ ގިނައިން ކަރަންޓީންވާނަމަ ކަރަންޓީނުވުމުގެ ކުރިން ޕީސީއާރު ޓެސްޓު ކުރަން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެންނަން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ އަތޮޅުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރުމުގެ ގޮތުން ކަމަށެވެ.

"ކަރަންޓީނު ކުރުމުގައި އެޅޭނެ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަޅުގަނޑުމެން މިހާރު އިތުރު ޕޮލިސީއެއް، އިތުރު ގަވައިދެއް އެކުލަވާލާފައިވާނީ. އެއީ ދިހަ މީހުންނަށްވުރެ އިތުރަށް އެކީގައި ކަރަންޓީނު ވާން ދާ ހާލަތުގައި އެމީހުން ވަކިވަކިން ކަރަންޓީނުވެ ތިބުމުގެ އިންތިޒާމު ހަމަޖައްސައިނުދެވޭނެ ނަމަ، ބައެއް ކަންތައްތައް އެބަޖެހޭ ހަމަޖައްސަން. އޭގެ ތެރޭގައި މިގޮތަށް ކަރަންޓީނު ވާން ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓު ހެދުން މިހާރު ތައާރަފުކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، ޕީސީއާރު ޓެސްޓު ހަދަން ޖެހޭނީ ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން ކަމަށާއި އެ ޓެސްޓުން ނެގެޓިވްވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.