އިންޑިއާއިން ރާއްޖެއަށް ދޭ ލޯނުތަކާއި އެހީތައް ދަރަނީގެ ދަންތުރައަކަށް ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާގެ އަތުން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ސިފަކުރައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންދަނީ އިންޑިއާއިން ގިނަ ލޯނުތަކެއް ނަގަމުންނެވެ. އެގޮތުން މި ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުތެރޭގައި ޗައިނާ އަތުން ނެގި ލޯނުތަކަށްވުރެ ވަނީ އިތުރުވެފައެވެ.
އެކަމާ ގުޅިގެން މިހާރު އިންޑިއާގެ ދަރަނީގެ ދަންތުރައިގައި ސަރުކާރުން ޖެހެނީ ނޫންތޯ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ ދަންތުރައަކަށް ވަނީ ދޭ ލޯނާއި އެ ލޯނުގެ އެހީގައި ހިންގާ މަޝްރޫއުން އުފައްދާ އެސެޓް ނުވަތަ ހަރުމުދާ އެއާ އެއްވަރު ނުވުމުން ކަމަށެވެ. އަދި އިންޑިއާއިން ނަގާ ހުރިހާ ލޯނަކީވެސް ޓެންޑާކޮށްގެން ދެފުށް ފެންނަ ގޮތަކަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ވިދާޅުވިއެވެ.
"މިސާލަކަށް ބައްލަވާ ދައުލަތުން މިނަގަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް. ނަގާފައި އޭގެން ކުރާ ހަރަދުން 100 މިލިއަން ޑޮލަރުގެ ހަރު މުދާ އުފެއްދެން ޖެހޭ. ހަގީގަތުގައި ގިނައިން އުފެއްދޭނެ އޭގެ ދެގުނައިގެ ހަރު މުދާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރިން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ.