އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން އެއްވެސް މެންބަރަކު ސޮއިކުރައްވާފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އުޅުއްވާ ކަމުގެ އަޑުތަކެއް ދާދިފަހުން ވަނީ ފެތުރިގެން ގޮސްފައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ނަޝީދުކަމުގެ އަޑުތައްވެސް ފެތުރުނެވެ. އަދިި މި ފަހުން ވަނީ މިނިސްޓަރު ފައްޔާޒާއި ރައީސް ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއްވެސް ބަދަލުކޮށްފައެވެ.
މިރޭ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތެރޭގައި އެ ބާވަތުގެ މަސައްކަތެއް ހިނގާފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އަނިޔާއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމާއި ކޮރަޕްޝަން ހުއްޓުވުމަށް އަބަދުވެސް ވަކާލާތު ކުރާ ޕާޓީއެއް ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގަން ފެށުމުން އެމްޑީޕީން އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަމަށެވެ.
"ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިންގަން ފެށީމާ ޕާޓީ އަޑުއުފުލާ ތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑަކަށް މީގެ އިތުރަކަށް މި ޕޯޑިއަމްގައި ހުރެ އިތުރު ޖަވާބެއް ނެތް އެރުވޭކަށް. ހަމަ ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވައިފައެއް ނުވޭ. އެމްޑީޕީީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،" ރައީސް ނަޝީދު ވިދާޅުވިއެެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، އިތުބާރު ގެއްލޭ ފަދަ ކަމެއް ފައްޔާޒު ކުރައްވާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު