ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް ނުހިމެނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 28 ބިލެއް ހުށަހަޅަން ސަރުކާރުން ނިންމާފައިވާއިރު އޭގެ ތެރޭގައި އަބުރުގެ ބިލެއް ހިމެނޭތީ ނޫސްވެރިންނާއި އާންމުންގެ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްޖޭއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޖަމިއްޔާއިން ގަބޫލު ކުރަނީ އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާއްވަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކާއެކު މިހާތަނަށް އެ މައްސަލައިގައި ކުރެވުނު ކުރު މަޝްވަރާތަކުގައި ސަރުކާރުން ހުށަހަޅާ ބިލުގައި ނޫސްވެރިކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމާއި އެ ބިލުގެ ޑްރާފްޓިން މަރުހަލާގައި ނޫސްވެރިންގެ ހިޔާލު ހޯދާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި އިތުރަށް ބުނީ، މިހާރު ވެސް އޮތް ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އަބުރުގެ ބިލުގައި ވެސް އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް އެބިލުގައި ނުހިމެނުމަށް ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދެއް ގާނޫނުގައި ހިމެނިގެންދާއިރު އެ އަދަދު ކަނޑައެޅުމުގައި އާންމު މުޖުތަމައުގެ މާލީ ފުދުންތެރިކަން ހުރި ނިސްބަތަށް ރިއާޔަތްކުރުމަށާއި ވަކިވަކި ނޫސްވެރިން ވީހާވެސް ބޮޑަކަށް ހިމާޔަތްވާނެ ގޮތަކަށް ބިލު އެކުލަވާލަން ވެސް ގޮވާލާފައިވެ އެވެ.

އެމްޖޭއޭ އިން ބުނީ، ނޫސްވެރިކަމާ ގުޅުން ހުރި ކަންކަން ރެގިއުލޭޓްކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް، ނުވަތަ ޖިނާއީ ދައުރެއް އޮތުމަކީ ފާޑުކިޔުން ގިނަ، މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމަށެވެ.

އެހެންކަމުން އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އެ ޖަމިއްޔާއިން އަބަދުވެސް ދެކޮޅު ހަދާނެ އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމެއް ކަމުގެ ޔަގީންކަން އެމްޖޭއޭ ވަނީ ދީފަ އެވެ.