"އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އަށް ހުށަހެޅޭނެކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ މިިއަހަރުގެ މޭމަހުގެ 10 ވަނަ ދުވަހުގައެވެ. އެ އަމުރު ނެރެފައިވަނީ އެ ކޯޓުގެ ގާޒީ މުޒައްމިލް ނަސީރުއެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު އިސްތިއުނާފުކުރުމަށް އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅީ މިއަހަރުގެ މޭމަހުގެ 14 ވަނަ ދުވަހުގައެވެ. އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީއިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނުއާސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އަދި އެ އަމުރަކީ ސުޕްރީމް ކޯޓުގެ އަހުމަދު އިސްމާއިލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަން އެމްޖޭއޭއިން ފާހަގަކުރިއެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ހުރިހާ ދިވެހިރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރެއްކަމަށްވާއިރު، އެ އަމުރު ނެރޭ ވަގުތުން ފެށިގެން، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކާ ރައްޔިތުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއްކުރީކަމަށް ބެލެވޭނެކަމަށް އަމުރުގައި ބުނެފައިވާކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. ނަމަވެސް އެއީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއްގެ އިތުރުން، އެ އަމުރަކީ އަމުރުގައި އޮތްއެއްޗެއް ބަޔާންކޮށްދިނުމުގެ ނުވަތަ އެގިގަތުމުގެ ހައްގުވެސް ނުލިބޭގޮތަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އެގޮތަށް ފުޅާދާއިރާއެއްގައި އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިދޭ ގޮތަށް އަސާސީ ހައްގުތައް ހަނިކޮށް ހިފަހައްޓަން ގާނޫނުއަސާސީގެ 16 ވަނަ މާއްދާ، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއް ނެތްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނާހިލާފު އަމުރެއްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލުކުރައްވާ އަމުރަކަށް ނުވުމުން، އެފަދަ މައްސަލަތަކުގައި މީގެކުރިން ދައުލަތުން ވަކި ސްޓޭންޑެއް ނަގައިގެން، ކޯޓުތަކުގައި ވަކާލާތުކޮށްފައިވާ މައްސަލައެއް ކަމަށްވާއިރު، އެ އަމުރަކީ ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތު ހިލާފު އަމުރެއްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

އެމްޖޭއޭއިން ބުނެފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް، ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި އެ އަމުރަކީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ހުރަސްއެޅޭގޮތަށް ނެރެފައިވާ އަމުރެއްކަމަށް އެމްޖޭއޭއިން ބުނެފައިވެއެވެ.

އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ ނިންމެވީ މޭމަހުގެ 17 ވަނަ ދުވަހުގައެވެ. ރަޖިސްޓްރާގެ ނިންމުގައި ބަޔާންކޮށްފައިވަނީ ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު ލިބިގެން ވަނީ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލަައިގައި ހިމެނޭ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ރަޖިސްޓްރާ ވިދާޅުވެފައިވަނީ އެމްޖޭއޭއިން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމާއި އެ ފޯމާއެކު ހުށަހަޅާފައިވާ ލިއުންތަކަަށް ބަލާ އިރު، އިސްތިއުނާފަށް ހުށަހަޅާފައިވާ ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތ. ވިލިފުށީ އަތަމާގެ ހުސެއިން ފިޔާޒު މޫސާ އާއި މ. ރަބަރުމާގެ ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލް އުގޫބާރުގެ ދަށުން ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ކުރުމުން، ކްރިމިނަލް ކޯޓުން ބަލަމުންދާ ގަޒިއްޔާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކޮށްފައިވާ އަމުރެއް ކަމަށެވެ. އަދި އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ހިމެނޭކަން ހުށަހަޅާފައިވާ ލިޔެ ކިއުންތަކުން އެނގެން ނެތް ކަމަށް ވެސް ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި ރަޖިސްޓްރާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެމްޖޭއޭއަކީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެން ނުވާ ކަމަށް ބަލައި، އެމްޖޭއޭއިން ހުށަހަޅާފައިވާ މި މައްސަލަ މިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.

ރަޖިސްޓްރާގެ އެ ނިންމުން މުރާޖާއާ ކޮށްދިނުމަށް އެމްޖޭއޭއިންވަނީ މޭމަހުގެ 18 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ ހުށަހެޅުން ބެލުމަށްފަހު ނިންމި ނިންމުގައިވަނީ ޖިނާއީއިޖުރާއަތުގެ ގާނޫނުގައި މައްސަލައެއްގެ ހަސްމުންގެ ގޮތުގައި ހިމެނޭ މީހުންނަށް އެ މައްސަލައެއް އިސްތިއުނާފު ކުރެވޭނެކަމަށް ބަޔާންކޮށްފައިވަނީ ކުރިމިނަލް ކޯޓުގެ ހުކުމްތަކާއި، ޖިނާއީއިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރިމިނަލް ކޯޓުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ކުރިމިނަލް ކޯޓުން ނިންމާ ނިންމުންތަކުގައި ކަމަށެވެ.

ކުރިމިނަލް ކޯޓުން ނެރުނު ގެގް އަމުރަކީ އެ ކޯޓުގެ ހުކުމެއް ނޫންކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުގައިވެއެވެ. އަދި އެ އަމުރުގައި ޖިނާއީއިޖުރާއަތުގެ ގާނޫނާ ހަވާލާދީފައި ނުވާތީ އެއީ ގާނޫނުގެ ދަށުން ނެރުނު އަމުރެއްކަމަށް ބެލެވޭނެ ގާނޫނީ ސަބަބުތަކެއް ނެތްކަމަށް ހައިކޯޓު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުގައި ބަޔާންކޮށްފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިޖުރާއަތަކަށްވެފައި، އަދި އެއީ ދެ ފަރާތަށް ބަހުސްކުރުމަށް ފުރުސަތު ދިނުން ފަދަ އެ މަރުހަލާގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ނެރެފައިވާ އަމުރަކަށްވާތީވެ އެފަދަ ނިންމުމެއް ނޫންކަން އެނގޭ ކަމަށެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ނިންމުގައި ބަޔާންކޮށްފައިވަނީ ކުރިމިނަލް ކޯޓުން ނެރުނު ގެގް އަމުރުގައި އެއްވެސް ފަރާތަކުން އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިގެންވާ ކަމަށެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލިސްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ، އިސްފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ (ރިޔާސަތު) އަދި ފަނޑިޔާރު އިބްރާހިމް މާހިރެވެ.

ކުރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އެ އަމުރު ނެރުނު ފަހުން، ކޯޓު އަމުރާ ހިލާފުވިކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްވެސް ލިއެވެ.

މީގެ އިތުރުން، މި މައްސަލާގައި "އަދަދު"ގެ ސީއީއޯ ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ދެ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. ފުލުހުން އޭނާގެ މައްޗަށް ގަޒުފު ކުރުމުގެ ތުހުމަތު ކުރި ނަމަވެސް އަދި ދައުވާއެއް ނުކުރެއެވެ.