ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ފައިސާ ވިއްކާކަމުގެ ހަބަރުތައް ގެނެސްދިނުން މަނާކުރެވޭނެ ކަމަށްބުނެ، އެ އިސްލާހު މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބިލު ފާސްކޮށްފައިވަނީ، އެމްއެމްއޭ އިން ކަނޑައަޅައި އާންމު ކުރާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކައި އިޝްތިހާރު ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅައިގެންނެވެ. އެ ބިލުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި، ބޭރު ފައިސާއާ ބެހޭ ބިލަށް ކޮމިޓީން މިއަދު ގެނައި އިސްލާހުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމާއި އިގުތިސާދުގެ ހަގީގީ ހާލަތު އާންމުންނަށް ބުނެދިނުމަށް ނޫސްވެރިންނަށް އޮންނަ ފުރުސަތު ހަނިވެގެންދާނެއެވެ. އަދި މާލީ ނިޒާމުގައި ހުރި މައްސަލަތައް ބުނެދީ، އެ ނިޒާމު އިސްލާހުކުރަން ސިޔާސަތު ރާވާ ފަރާތްތަކަށް ލޮބީކުރުމަށް މީޑިއާއިން އަދާކުރާ ދައުރަށް ވެސް މިކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ކޮމިޓީން ފާސްކުރި އިސްލާހުތަކަކީ މާކެޓް މެނިޕިއުލޭޝަން ހުއްޓުވުމަށް ވުރެ ބޮޑަށް، އިގުތިސާދާއި މާލީ ނިޒާމުގައި ހިނގާ ކަންކަން ރިޕޯޓުކުރުން މަނާކުރުމަށް އަމާޒުކޮށްފައިވާ އިސްލާހުތަކެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ. އިގުތިސާދީ ނުކިއްސަރުކަން ރިޕޯޓުކުރުމަކީ މާކެޓް މެނިޕިއުލޭޝަންގެ އަމަލެއް ނޫން ކަމަށާއި، މިހާރު ވެސް މީޑިއާތަކުން އަމަލުކުރާ އުސޫލުތަކުގެ ދަށުން މާކެޓް މެނިޕިއުލޭޓް ކުރުމަކީ މަނާކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ގާނޫނުތަކާއި އިދާރާތައް ހުރިއިރު، ވަކިވަކި ގާނޫނުތަކުން މީޑިއާތަކަށް ފިޔަވަޅު އެޅޭނެ ގޮތް ހެދުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

މި އިސްލާހުތައް ކޮމިޓީއަށް ހުށަހަޅައި ފާސްކުރި އިރު، އެމްޖޭއޭއާ އަދި މީޑިއާގެ އެހެން ފަރާތްތަކާ ވެސް މަޝްވަރާކޮށްފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. އެހެންކަމުން، މި އިސްލާހުތައް ފާސްނުކޮށް އަނބުރާ ފޮނުވާލުމަށް އެމްޖޭއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައިފައެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި އިސްލާހުގައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އަމަލުކުރާނެ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހިމަނައިފައެވެ. އަދި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅައި އާންމު ކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑްތަކަށްވުރެ މަތިނުވާ ގޮތެއްގެ މަތީން ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށް ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ބޭރު ފައިސާ ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަންވެސް ބިލަށް ވަނީ އާ މާއްދާއެއް އިތުރު ކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާ ހިލާފަށް ބޭރު ފައިސާ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެ ވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅާ އާއްމުކޮށްފައިވާ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑްގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއް އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ކުށެކެވެ.

ރަސްމީ ރޭޓް، ނުވަތަ ބޭންޑަށްވުރެ މަތީ ރޭޓެއްގައި ނުވަތަ، ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް، ނުވަތަ އަގެއްގައި ބޭރުފައިސާ ގަނެ ވިއްކުން އިޝްތިހާރު ކުރުމަށްޓަކައި، ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި، ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކުން، ނުވަތަ ޕްލެޓްފޯމަކުން ނުވަތަ، އެނޫންވެސް ގޮތަކުން އާއްމުކޮށް އެނގޭނެހެން އެ މައުލޫމާތު ހާމަ ކުރުމާއި ޝާއިއު ކުރުމާއި ފެތުރުމާއި ތަކުރާރު ކުރުމާއި ފޯރުކޮށްދިނުންވެސް ވަނީ މަނާކޮށްފައެވެ. އެ ކުށުގެ އަދަބަކީ 25،000 ރުފިޔާ އައި 500000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިނަމާކުރުން ކަމަށްވެސް ވަނީ ހިމަނައިފައެވެ.

މި ގާނޫނުގައި މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަންކަމަށް އަޅާ އިދާރީ ފިޔަވަޅުގެ އިތުރުން އެ ފަރާތަކާމެދު ޖިނާއީ ދައުވާ ކުރެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. ކުށް ކޮށްފައިވަނީ ގާނޫނީ ޝަހުސެއް، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކުން ނަމަ އެފަރާތެއް 100000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަންވެސް ވަނީ ހިމަނައިފައެވެ.