އިންޑިއާއާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަން މަސައްކަތް ކުރެއްވުމުން އެ ފުރުސަތު ނުދެއްވައި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވަން މަސައްކަތް ކުރެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.
އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ނުދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ދޭދޭ ގައުމުތަކާއެކު ދިވެހިން ބާއްވަންޖެހޭ ގުޅުމަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ، ކޮމާންޑާ އޮފް ޗީފްގެ ގޮތުގައި އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ. ނަމަވެސް ދިވެހި ރައްޔިތުން ބުރަ އެއް އުފުލަންޖެހޭ ފަދަ އެއްބަސްވުމެއް ދިވެހި ދައުލަތުންކުރާނަމަ އެކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަމަށް އިޒުނަ ދީގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެއްވެސް ޝައްކެތް ނުހިނގާ އެބާވަތުގެ އެގްރިމެންޓެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާނަމަ ނުވަތަ ސަރުކާރުން ކުރާނަމަ މި މަޖިލީހަށް އޭގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނެ އަދި އިއްޒަތްތެރި މެންބަރު ތި އެދިވަޑައިގަންނަވާ މައުލޫމާތު ރަނގަޅަށް މި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށްގެން ހޯއްދެވޭނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ޝިޔާމު ވިދާޅުވީ، މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި މިއީ ޑިމޮކްރަސީގައި މަޖިލިސް ފަހަތަށް ދިޔަ ދުވަހެއް ކަމަށެވެ. އަދި މި ސަރުކާރު އޮތްހާހިނދަކު މަޖިލިސް ބަހައްޓަންވީ ތަޅުލާފަ ކަމަށް ވިދާޅުވި އެވެ.
ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށާއި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
އެގޮތުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިންޑިއާ ސަރުކާރުން ކުރާގޮތަށް ވެފައިވާ އެއްބަސްވުމާއި އެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުންނަށް ހާމަކޮށްދީފައިނުވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގައި ޝަރުތު ކޮށްފައިވަނީ ކޮންކަމެއް ކަމާއި ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލު އަދި އިންޑިއާއާއެކު ވެފައިވާ އަދި އާކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށް ވެސް ޝިޔާމުގެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ޝިޔާމު އިތުރަށް ބުނީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމީކޮށް ބޭތިއްބުމުގެ ބަދަލެއްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވުމާއި އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން އަޑިނޭނގޭ ކަންތައްތަކެއް ކުރަމުން އަންނަކަމުގެ ޝަކުވާ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާތީ އެކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރު އަރާނެ ކަމަށެވެ.
އެހެންކަމުން އިންޑިއާ ސަރުކާރާއެކު މި ސަރުކާރުން ހަދާފައިވާ އަދި އާކޮށްފައިވާ ހުރިހާ އެއްބަސްވުމެއްގެ ތަފްސީލު ހާމަކުރުމަށް ޝިޔާމުގެ ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
މެންބަރު އަހުމަދު ޝިޔާމް
މެންބަރު އަހުމަދު ޝިޔާމް