ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް 19 އާ ގުޅިގެން، ހިލޭ އެހީގެ ގޮތުންނާއި ލޯނުއެހީގެ ގޮތުގައި ލިބިފައިވާ ފައިސާއާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މިހާތަނަށް ލޯނުގެ ގޮތުގަ އާއި ކޮންސެޝަނަލްއެހީގެ ގޮތުގަ އާއި އަދި އެހެނިހެން ގޮތްގޮތުން ގާތްގަނޑަކަށް 520 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ އަންދާޒާތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް މީގެ ކުރިން އަންދާޒާކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާރު އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރުމަށް، ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެކަމުގެ ތަފްސީލުތައް ދެއްވައިފައެވެ.