ކުޅިވަރު

ކޮވިޑް 19ގެ އަލާމާތްތަކެއް ފެނުމުން ވާނާ ޓެސްޓް ކޮށްފި

ޖަރުމަނުގެ ގައުމީ ޓީމު އަދި ޗެލްސީގެ ފޯވަޑް ޓީމޯ ވާނާގެ ފަރާތުން ހުން އައުމުގެ އަލާމަތްތަކެއް ފެނި ކޮވިޑް 19 އަށް ޓެސްޓް ކޮށްފިއެވެ.

ޖަރުމަނުގެ ގައުމީ ޓީމުން ކުރިއަށް އޮތް މެޗުތަކަށް ތައްޔާރުވުމަށް މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ވާނާ ފިޔަވައި އެހެން ކުޅުންތެރިން ތަމްރީނުތަކާ ގުޅިފައިވީ ނަމަވެސް، ވާނާ ތަމްރީނުތަކާ ގުޅޭނީ އޭނާގެ ކޮވިޑް ޓެސްޓް ނެގެޓިވް ވުމުންނެވެ.

އާންމުކޮށް ކުޅުންތެރިން ކޮންމެ ހަފްތާއަކުވެސް ޓެސްޓް ހަދައެވެ. ގައުމީ ޓީމަށް ދިޔުމަށް ފަހުވެސް ޓެސްޓް ހަދައެވެ. ވާނާގެ އިތުރު ޓެސްޓެއް ހަދަން ޖެހުނީ ހުން އައިސް، ކޮވިޑް 19ގެ އަލާމާތްތަކެއް ފެނުމުން ކަމަށް ޖަރުމަނުގެ ކޯޗު ޔޮކިމް ލޯވް ވަނީ ބުނެފައެވެ.

ޖަރުމަނުން މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގައި ތުރުކީއާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށް ފަހު ދެން ކުޅޭނީ ނޭޝަންސް ލީގުގެ ދެމެޗެވެ. އެ ދެމެޗު ކުޅޭނީ ޔުކުރެއިންއާއި ސްވިޒަލޭންޑާ ދެކޮޅަށެވެ. ކޮވިޑް 19 އަށްފަހު ޖަރުމަނުގެ ގައުމީ ޓީމުން މިހާތަނަށް ކުޅުނު ދެމެޗުވެސް އެއްވަރު ވެގެން ނިމުނުއިރު، އެންމެފަހުން ސްޕެއިންއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ގޯލް ޖެހީ ވާނާއެވެ.

މެޗުތަކާއި ގުޅިގެން ކޯޗު ލޯވް ބުނެފައި ވަނީ މެޗުތަކުގައި މާ އަވަހަށް ލީޑު ގެއްލުވާލައި، ކުރާ ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލުމަކީ މިހާރު ޖަރުމަނު ޓީމުގެ އާދައަކަށް ވެއްޖެ ކަމަށެވެ. ކުރިއަށް އޮތް މެޗުތަކަށް ނުކުންނައިރު، ޓީމުން މޮޅުވުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ލޯވް ބުނެފައިވެއެވެ. އެގޮތުން ރަނގަޅު ސްކޮޑަކާއެކު ތިން މެޗަށްވެސް ނުކުންނަން ވިސްނާފައިވާ ކަމަށް ލޯވް ބުނެފައި ވެއެވެ.

ލީގުގައި ހަތަރު މެޗު ކުޅުމަށްފަހު މި ދަނޑިވަޅުގައި އިންޓަނޭޝަނަލް މެޗުތަކަށް ކުޅުންތެރިން ދާން ޖެހުމުން، ކްލަބުތަކުގެ ކޯޗުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ދިގު ދަތުރުތައް ކުރުމާއި، ގައުމީ ޓީމުގައި އެހެން ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނާ ބައްދަލުވާން ޖެހުމުން ކޮވިޑް 19 ޖެހުމަށް ގިނަ ކަންކަން މަގުފަހިވާނެ ކަމަށް ގިނަ ކޯޗުން ވަނީ ފާހަގަކޮށްފައެވެ.