މެންޗެސްޓާ ޔުނައިޓެޑުގެ އާޖެންޓީނާ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯއަށް ކްލަބު ދޫކޮށްލުމަށް ފުރުސަތު ނުދިނުމުން އޭނާގެ އަންހެނުން އެލިއާނާ ގުއެރެސިއޯ ރުޅި ގަދަވެއްޖެއެވެ.
ޔުނައިޓެޑް ދޫކޮށްލަން ރޮމޭރޯ ބޭނުންވީ ތިންވަނަ ގޯލްކީޕަރުގެ ގޮތުގައި ހުންނަން ޖެހުމުންނެވެ. ޔުނައިޓެޑުގެ ފުރަތަމަ 11ގައި އާންމުކޮށް ހިމެނެނީ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. އޭނާގެ ބަދަލެއްގެ ގޮތުގައި މި ސީޒަންގައި ހުންނާނީ ޑީން ހެންޑަސަންއެވެ. މިދިޔަ ސީޒަންގައި ޝެފިލްޑް ޔުނައިޓެޑަށް މޮޅު ކުޅުމެއް ދެއްކި ޑީން ހެންޑަސަން ލޯން ނިންމުމަށްފަހު މަޑުކޮށްފައިވަނީ ޔުނައިޓެޑްގައެވެ.
ޓްރާންސްފާގެ އެންމެ ފަހު ވަގުތުގައި އެވަޓަންއިން ގޯލްކީޕަރަކަށް ކުރި މަސައްކަތުގެ ތެރެއިން ރޮމޭރޯއަށް ޔުނައިޓެޑް ދޫކޮށްލުމަށް ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވީ ޔުނައިޓެޑުން ރޮމޭރޯ ދޫނުކުރުމުންނެވެ. ހަމައެކަނި ޑޮމެސްޓިކް ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތްއިރު، ރޮމޭރޯއަށް ދެން ދެވެން އޮންނާނީ ދަށު ލީގަކަށެވެ. އެހެންނަމަވެސް ރޮމޭރޯގެ މުސާރަ ދެވޭނެ ކްލަބެއް ދަށު ޑިވިޝަންތަކުގައި އޮންނާނެ ކަމަކަށް ނުބެލެވެއެވެ.
"ކްލަބަށްޓަކައި ރޮމޭރޯ ބުރަކޮށް މަސައްކަތް ކުރި. އެންމެ ފަހުން ކްލަބުން ހޯދި ޓްރޮފީވެސް ހޯދީ ރޮމޭރޯއާއެކު. ޓީމު ހަތަރު މުބާރާތެއްގެ ސެމީ ނޫނީ ފައިނަލަށް ގެންގޮސްދިނީ ރޮމޭރޯ. އެހިސާބަށް ގެންގޮސްދިނީމަ ދެން ބައިންދަނީ ބެންޗުގައި. ދެ ފައިނަލުންވެސް ވީ ބަލި. އެކަންކަމަށް ޝުކުރުވެރިވާންވެސް ރޮމޭރޯ ދޫކޮށްލަން ޖެހޭ. އެއް ފަހަރުވެސް އިހުތިރާމު ކުރަން ޖެހޭ،" ރޮމޭރޯގެ އަންހެނުން އިންސްޓާގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ރޮމޭރޯ ޔުނައިޓެޑުން ގެންދިޔައީ ޑެހެއާގެ ބަދަލުގައި ކުޅުވުމަށެވެ. ރޮމޭރޯ ޔުނައިޓެޑަށް ދިޔައީ އެކްލަބުގެ ގޯލްކީޕަރު ޑެހެއާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައި އޮތުމުންނެވެ. ޑެޑްލައިން ޑޭގައި ހުރިހާ ކަމެއް ނިންމައި ރެއާލަށް ދާން އުޅެނިކޮށް ޑެހެއާއަށް އެނގުނީ ފެކްސް މެޝިން މައްސަލައަކުން ލިޔެކިޔުންތައް ނުފެނުވި އޮތް ކަމެވެ. އެހިސާބުން ޑެހެއާ އަނެއްކާވެސް ޔުނައިޓެޑްގައި މަޑުކުރީއެވެ.
މި ސީޒަނާ ޖެހެންދެން ރޮމޭރޯ ހުރީ ޔުނައިޓެޑްގެ ދެވަނަ ގޯލްކީޕަރުގެ ގޮތުގައެވެ. 2015 ވަނަ އަހަރު ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ 61 މެޗު ކުޅެފައެވެ. އެހެންނަމަވެސް ލީގުގައި ކުޅެފައި ވަނީ އެންމެ ހަތް މެޗެވެ. 15-2015 ވަނަ އަހަރު ޔުނައިޓެޑުން ޔޫރޮޕާ ލީގު ނެގިއިރު ރޮމޭރޯ ވަނީ 12 މެޗު ކުޅެފައެވެ.
ޓްރާންސްފާ ބާޒާރު ބަންދުވާން ދެތިން ގަޑިއިރަށް ވެފައިވަނިކޮށް، ޔުނައިޓެޑުން ރޭ ވަނީ ހަތަރު ކުޅުންތެރިން އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި ޕޯޓޯގެ ޑިފެންޑަރު އެލެކްސް ޓެލެސްއާއި ޕީއެސްޖީއަށް ކުޅުނު އެޑިސަން ކަވާނީ ހިމެނެއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް