ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި، ޅ. ނައިފަރު ނިކަގަސްދޮށުގޭ ގާސިމް އަަބުދުލްކަރީމު ގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެންއަސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލެއްވުމާއި ގުޅިހެން އެ ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ކޮމިޝަންގެ މެންބަރުކަމަށް ގާސިމް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ އެދިވަޑައިގެންނެވުމުގެ މަތިން އަމީން އާއްމު އެ ސިޓީ މަޖިލީހަށް އިއްވަވައި ނިންމެވުމުން، މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވީ، ގާސިމްގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވެވީ ކަމަށެވެ.

އެންއަސީގެ މެންބަރުކަމަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ގާސިމަކީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާޅުމުގައި އިސްދައުރެއް އަދާކުރެއްވި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ.

އެ މައްސަލައިގައިގެ ސަބަބުން، ވިސްލް ބްލޯވިން އުސޫލާ ހިލާފަށް ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމު އަށް މަހާއި 12 ދުވަހަށް ޖަލަށްލިއެވެ.