މައިޔަމް މުނާ މ. ބާރަނާގެ އާއި އަހުމަދު ސަމީން އއ. ތޮއްޑޫ ފިނިވާގެ އާއި ފާތުމަތު މަހީރާ މުހައްމަދު ހިޔާވަހި ޅ. ހިންނަވަރު، މި ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހިއުމަންރައިޓްސް ކޮމިޝަން، (އެޗްއާރުސީއެމް)ގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވައިފިއެވެ.
މިއީ މީގެ ކުރިން އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހު އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި، އެކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ޖުލައި 22 ގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން އޭނާގެ ބަދަލުގައި އެކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ފާހަގަ ކުރެއްވި ތިން ބޭފުޅުންނެވެ.
މި ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހުގެ ތަޅުމަށް އިއްވެވުމުން، ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުން ނާިބު ރައީސް އީވާ އަބުދުﷲ އެ ތިން ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރެއްވިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު، ޑޯރެންސީވިލާ ސ. ފޭދޫ އާއި މުއުމިނާ ވަހީދު، މ. ޖިއެނާ އަދި ޑރ. އަހުމަދު އަދުހަމް އަބްދުالله، މއ. މާވެޔޮގެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް