ރެއަކީ މުޅި ޕްރިމިއާ ލީގުގެވެސް ތަފާތު ނަތީޖާތަކެއްގެ ރެއެކެވެ. ގާތްގަނޑަކަށް 70 އަހަރު ތެރޭގައި ޗެމްޕިއަން ޓީމެއް ކޮޅަށް ޖެހިގެން އައި ސީޒަންގައި ހަތް ގޯލް ވަންތަންވެސް ރޭ ފެނިގެންދިއައެވެ. އެސްޓަންވިލާއިން ޗެމްޕިއަން ލިވަޕޫލް 7-2 ގެ ނަތީޖާއަކުން ބަލިކުރި މަންޒަރުންވެސް ސަޕޯޓަރުން ކައްކުވާލިއެވެ.
އެހެންނަމަވެސް، އޭގެ ކުރިން މުޅި މީސް މީޑިއާއާއި މީޑިއާގެ ސަމާލުކަން ހުއްޓުވީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗަށެވެ. މެޗުން 6-1ގެ ނަތީޖާއަކުން ޓޮޓެންހަމް މޮޅުވިއިރު، އެއީ ޓޮޓެންހަމްގެ ތާރީހުގައި، 1932 ވަނަ އަހަރަށްފަހު ޔުނައިޓެޑްގެ އަތުން ހޯދި އެންމެ ބޮޑު މޮޅެވެ. އެއަހަރުވެސް ޓޮޓެންހަމްއިން ޔުނައިޓެޑް ބަލިކުރީ 6-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ރޭގެ ނަތީޖާއަކީ ކޯޗު އޮލެގުނަ ސޮލްސްޖާ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގެ އެންމެ ބޮޑު ބައްޔެވެ. އޭގެ އިތުރުން ގިނަ ލޯތަކެއް އަމާޒުވެފައިވާ ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސްޗެއާމަން އެޑް ވުޑްވާޑް ކްލަބުގެ މަގާމާ ހަވާލުވިފަހުންވެސް މިވަރުގެ ބައްޔެއް މީގެކުރިން ވެފައެއް ނުވެއެވެ. ވުޑްވާޑް ޔުނައިޓެޑްގެ ޓްރާންސްފާތަކާ ހަވާލުވެ، މަގާމުގެ ބާރާ ހަވާލުވީ 2013 ވަނަ އަހަރުއެވެ.
ރޭގެ މެޗުގެ ފުރަތަމަ ފަސް މިނެޓް ތެރޭގައި ޔުނައިޓެޑުން ލީޑު ނެގިއެވެ. ޕެނެލްޓީއެއްގައި ބުރޫނޯ ފެނާންޑޭޒް ލީޑު ނެގި ނަމަވެސް، މެޗުގެ ހާލަތު ބަދަލުވާން މާ ގިނައިރެއް ނުނަގައެވެ. ޓަންގޭ އެންޑޮންބިލޭއާއި ހިއުން މިއުން ސަން ކައިރިކައިރީ ޖެހި ގޯލްތަކުން މެޗު އަނބުރާލިއެވެ. ސަންއަކީ މެޗުގެ ކުރިން ފަލަމަސްގަނޑުގެ އަނިޔާގައި ހުރި ކުޅުންތެރިއެއް ނަމަވެސް، މޮރީނިއޯ ވަނީ ކުއްލިއަކަށް އޭނާ ފުރަތަމަ 11 އަށް ގެނެސްފައެވެ.
ފުރަތަމަ ހާފްގެ 28 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އެންތޯނިއޯ މާޝިއަލްއަށް ރަތް ކާޑު ދެއްކިއެވެ. ބޯޅަ ނެތި ޖެހިކަމަށް ނިންމައި ރެފްރީ ދެއްކި ރަތްކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވެ ޓޮޓެންހަމްގެ ވަރުގަދަކަން ދައްކާލިއެވެ. ހެރީ ކޭންގެ ދެ ގޯލާއި ސަންގެ އިތުރު ގޯލެއް، އަދި ސާޖް އޮރިއޭގެ ގޯލްތަކުން ސަޕާސް ނަތީޖާގެ ފަރަގު ބޮޑުކޮށް ޔުނައިޓެޑް ލަދުގަންނަވާލިއެވެ.
ޓްރާންސްފާ ސީޒަންގައިވެސް މަޑު ރާގެއްގައި ފެނުނު ޔުނައިޓެޑަށް ރޭގެ ނަތީޖާވީ ބޮޑު ޝޮކަކަށެވެ. މިހާރުން މިހާރަށް އެ ކްލަބުން ޓްރާންސްފާތައް ރަނގަޅު ކުރުމަށް ހިފާލާފައި އޮތްއިރު، މެޗަށްފަހު ސޮލްސްޖާ ބުނެފައި ވަނީ މިއީ އޭނާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވިފަހުން އައި އެންމެ ހިތްދަތި ދުވަސް ކަމަށެވެ.
"އިނގިރޭސިއަކީ އަހަރެންގެ ދެވަނަ ބަސް، އެހެންވީމަ އިހުސާސްތައް އިނގިރޭސިން ބުނެދޭންވެސް ދަތި. މިއީ ޔުނައިޓެޑްގެ ކޯޗުކަމުގައި ހޭދަވި އެންމެ އުނދަގޫ ދުވަސް. ކުރިންވެސް ބޮޑެތި ބަލިތަކާ ކުރިމަތިލިން. މިއީ އެ ތަޖުރިބާ ބޭނުންވެސް ކުރަން ޖެހޭ ވަގުތު. އަހަރެންގެ ޒިންމާއެއް ބައްޔަކީ. އަރައިގަންނަންވެސް ކުޅުންތެރިން ގޮވައިގެން ދާނީ އަހަރެން. ޓޮޓެންހަމް މޮޅު ނަމަވެސް، ގަބޫލުކުރަން ޖެހޭ މިއީ އަހަރެމެންގެ ބޮޑެތި ގޯސްތަކެއްގެ ނަތީޖާ،" މެޗަށްފަހު ސޮލްސްޖާ ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު