ޕީއެސްޖީއަށް މިދިޔަ ސީޒަންގައި ކުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ނޫސްތަކުން ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޔުނައިޓެޑަށް ބަދަލުވުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމަށް މިއަދު އިނގިރޭސިވިލާތަށް ދާނެ ކަމަށް ޓްރާންސްފާ ހަބަރުތައް ބުނެފައި ވެއެވެ. ކަވާނީ ސޮއިކުރާނެ ކަމަށް ބެލެވެނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ކަވާނީ މިވަގުތު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. އޭނާ ވަނީ މިދިޔަ ސީޒަން ނިމުމާއެކު ޕީއެސްޖީ ދޫކޮށްލައިފައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ކަވާނީ ޕީއެސްޖީ ދޫކޮށްލާފައިވަނީ ނޭމާއާ ދެމެދު އުފެދުނު ނުތަވަސްކަމެއްގެ ތެރެއިންނެވެ. ކަވާނީ ބުނެފައި ވަނީ އޭނާގެ ކެރިއަރު ނިންމާލަން އަދި ބޭނުން ނުވާ ކަމަށާއި، ޔޫރަޕްގެ ފުޓުބޯޅައަށް އަދިވެސް ތައްޔާރު ކަމަށެވެ.

ކަވާނީގެ މުސާރައިގެ އިތުރުން އެޖެންޓް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވުމުން ޔުނައިޓެޑުން ވަނީ ޓްރާންސްފާ ނިންމުމަށް ވަގުތުތަކެއް ނަގައިފައެވެ. އެޖެންޓް ފީއެއް ކަމަށް މީޑިއާތަކުން ބުނެފައި ވަނީ 10 މިލިއަން ޕައުންޑެވެ. ހަބަރުތައް ބުނާ ގޮތުން ޔުނައިޓެޑާއި ކަވާނީ ގެ އެޖެންޓް ބައްދަލުވެ މިހާރު ވަނީ އެކަމަށް ފެހި ސިގްނަލް ލިބިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ކަވާނީގެ އުމުރަކީ ޔުނައިޓެޑަށް މައްސަލައެއް ނޫން ކަމަށާއި، ކަވާނީގެ ސަބަބުން ސޮލްސްޖާ ބޭނުންވާ ތަޖުރިބާ ޓީމަށް ލިބިގެންދާނެ ކަމަށެވެ.

ޕީއެސްޖީގެ އިތުރުން ނަޕޯލީއާއެކުވެސް ޔޫރަޕްގެ އެންމެ މަތީ ފަންތީގައި މޮޅު ކުޅުމެއް ދައްކާފައިވާ ކަވާނީއަކީ މީގެ ކުރިން ޔޫރަޕްގެ ބޮޑެތި ހުރިހާ ކްލަބަކުންވެސް ބޭނުން ވެ، ގެންދަން މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާގެ ޕީކް ދުވަސްވަރު ޕީއެސްޖީގައި ހޭދަކޮށްފައިވާއިރު، ގައުމީ ޓީމާއެކުވެސް ކަވާނީ ފެނިފައިވަނީ މޮޅު ފޯވަޑެއްގެ ގޮތުގައެވެ.

ޔުނައިޓެޑުން މި ޓްރާންސްފާ ސީޒަންގެ ކުރީކޮޅުގައި މަސައްކަތް ކުރީ ބްރޫޝިއާ ޑޯޓުމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ވިންގާ، ޖޯޑަން ސަންޗޯ ހޯދުމަށެވެ. އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް، ސަންޗޯއާއެކު ޔުނައިޓެޑުން އެއްބަސްވުމަށް އައި ނަމަވެސް، ޑޯޓުމަންޑުން ބޭނުންވި އަގު ދައްކަން ޔުނައިޓެޑުން އިންކާރު ކުރިއެވެ. އެހިސާބުން ޑޯޓުމަންޑުން ބުނެފައި ވަނީ ސަންޗޯ މި ސީޒަންގައި އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.