ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން ސެލްޓަ ވީގޯގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސެލްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ބާސާގެ ޑިފެންޑަރު ކްލެމެންޓް ލެންލޭއަށް ދެ ރީނދޫ ހަމަ ވެ، ރަތް ކާޑު ދައްކާފައި ވެއެވެ. އޭގެ ފަހުން ބާސާއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް އެޓީމުން ވަނީ މެޗު ކޮންޓްރޯލް ކޮށް، ފަސޭހަ މޮޅަކާއެކު ތިން ޕޮއިންޓް ހޯދާފައެވެ.

ބާސާގެ 17 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ހިފެހެއްޓުމަކީ މިހާރު ޑިފެންޑަރުންނަށް އެންމެ އުނދަގޫ އެއް މަސައްކަތެވެ. ރޭގެ މެޗުގެ ކުރީ ކޮޅުގައިވެސް ބާސާގެ ކުރިން ކުދި ޕާސްތަކާއެކު ރަނގަޅު ހަމަލާތަކަކަށް ފުރުސަތު ފަހިކުރިއިރު، 11 ވަނަ މިނެޓުގައި އަންސޫ ފަޓީ ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ.

ބްރެޒިލްގެ ފިލިޕް ކުޓީނިއޯ ދިން ޕާހަކުން، އޭރިއާ ތެރެއަށް ރީތި ފުރަތަމަ ޓަޗެއް ޖައްސާލައި، އަންސޫ ފަޓީ ބޯޅަ ގޯލަށް ވައްދާލީ ބޫޓުގެ ބޭރު ފަޅިންނެވެ. ދެވަނަ ހާފަށް ނުކުމެވެސް ބާސާއިން މެޗުގެ ކުޅުން ގެއްލުވާ ނުލައި ހިފަހައްޓާލިއެވެ. މެދު ތެރެއިން ކެޕްޓަން މެސީގެ ހިތްގައިމު ޕާސްތަކާއި ނެއްޓުންތައް ފެނިގެންދިޔައެވެ. ދެވަނަ ގޯލަކީ މެސީގެ ބޮޑު ރޯލެއް ހިމެނުނު ގޯލެކެވެ.

މެސީގެ ހުނަރުވެރިކަމާއެކު އަރިމަތިން ނެގި ބޯޅަ ގޯލަށް ވަނީ ސެލްޓާގެ ލޫކަސް އޮލާޒާގެ އަތުން ބައިކޮޅަށެވެ. ތިންވަނަ ގޯލަކީ މެޗުގެ އިތުރު ވަގުތުގައި ސާޖީ ރޮބާޓޯ ޖެހި ހިތްގައިމު ގޯލެކެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީވެސް މެސީއެވެ.

ބާސާއިން މި ސީޒަންގެ ލީގުގައި ޖެހި ހަތް ގޯލްގެ ތެރެއިން ތިން ގޯލަކީ އަންސޫ ފަޓީ ޖަހައިދިން ގޯލެވެ. ބާސާއަށް ކުރިން ކުޅުނު ބޯޔާން ކާކިޗްގެ ފަހުން، އަންސޫ ފަޓީއަކީ އުމުރުން 18 އަހަރު ނުވަނީސް އެ ކްލަބަށް 10 ގޯލަށްވުރެ ގިނަ ގޯލް ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއެވެ.

ބާސާއިން ސީޒަންގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، ނެދަލެންޑްސް ކޯޗު ކޫމަންގެ އެރާ ބާސާއިން ފެށީ ވަރުގަދަ ކޮށެވެ.