ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކުއްލިއަކަށް ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ، ބަލި ހާލު ރަނގަޅުވެ، އެނބުރި މަސައްކަތަށް ނުކުމެއްޖެއެވެ.

ބެލްޖިއަމްގެ ކޯޗު ކޮމްޕެނީ ހާލު ދެރަވެގެން ވެއްޓުނީ ބަޔާންގެ ރިޒާވް ޓީމުގެ ތަމްރީނުތަކެއްގައި ހުއްޓައެވެ. ބަޔާނުން ބުނީ އޭރު ކޮމްޕެނީ ދިޔައީ ދެވަނަ ޓީމުގެ ތަމްރީނުތަކުގައި ސީދާ ބައިވެރިވަމުން ނޫން ކަމަށާއި، އެ ތަމްރީނުތައް ބަލަމުން ކަމަށެވެ. އޭގެ ކުރިން ކޮމްޕެނީއަށް ސީނިއާ ޓީމުގެ ބައެއް ތަމްރީނުތައްވެސް ގެއްލިފައިވާ އިރު، އޭނާ އެނބުރި ޓްރެއިނުން ސެންޓަރަށް ނުކުތީ އިއްޔެއެވެ. އެއީ ހޮސްޕިޓަލުގައި އެނދުމަތިވެސް ކުރުމަށްފަހު، ގޭގައިވެސް ވަގުތުތަކެއް ހޭދަކޮށްފައެވެ.

މިއީ އިންޓަނޭޝަނަލް ބްރޭކް ކަމަށްވުމާއެކު ބަޔާނުން މިހާރު ފުލް ޓްރެއިނިން ކުރިއަކަށް ނުގެންދެއެވެ. ދެން ބަޔާނުން ލީގުގައި މެޗެއް ކުޅޭނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

ކޮމްޕެނީއަށް ދިމާވި ސިއްހީ މައްސަލައަކީ މެނިންޖިއަލް އިރިޓޭޝަން ކަމަށް ކްލަބުން ބުނެފައިވާ އިރު، އެ ވައިރަހުގެ ސަބަބުން ކޮމްޕެނީއަށް އެކިއެކި އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.

ބަޔާނުން އެންމެފަހުން ކުޅުނު މެޗުތަކުގައި އެޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އޭރޮން ޑޭންކްސްއެވެ.