ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކާއި އެތަނުން ދެމުން އަންނަ ސިއްހީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގައި ދެވޭ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފަރުވާ ހޯދުމަށް މާލޭ ސަރަހައްދަށް ނުވަތަ ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ފަދަ ގޮތަކަށް ސިއްހީ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.
ސިއްހީ ހިދުމަތްތައް ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެއީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަށް މީހުންގެ އިތުބާރު ލިބެމުން އަންނަކަމުގެ ހެއްކެއް ކަމުގައެވެ. އަދި އެތަނުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރެވޭނެ ގޮތަކަށް ކަމާގުޅޭ ހުރިހާ މުއައްސަސާތަކުގެ މަސައްކަތްތައް ބައްޓަންކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ވަނީ އެ ހޮސްޕިޓަލަށް އިންސާނީ ވަސީލަތްތައް ހޯދުމުގައި ހުރި ދަތިތައް ނައިބު ރައީސާ ހިއްސާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި، ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުއްމަދު އަސްލަމާއި ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.