ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ޓާޝަރީ ފެންވަރަށް ތަރައްގީކޮށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައިވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފް އެވެ.

އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަން ހަމަޖެހިފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ހޮސްޕިޓަލްގެ ހިދުމަތް ޓާޝަރީ ފެންވަރަށް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު، ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ އެވެ.

ދެވަނަ މަރުހަލާގައި ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރާނެ އެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އަދި ހޮސްޕިޓަލް ސީއީއޯ ނާޒިމާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޭގެ އިތުރުން އިއްޔެ ހެލްތު މިނިސްޓްރީން ބޭއްވި އެހެން ރަސްމިއްޔާތެއްގައި އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް ލައިކަން ޕްރިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުން. -- (ފޮޓޯ/ ހެލްތު މިނިސްޓްރީ)

އެ މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކަން ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އެވެ. ލައިކަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައިމަން އެވެ.

މި އެއްބަސްވުމުގެ ދަށުން އެ ސިއްހީ މަރުކަޒުގައި އަލަށް ގާއިމްކުރާ އިމާރާތުގައި އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ލެބޯޓްރީ، މީޓިން ހޯލް، ލޯންޑްރީ، މެޑިކަލް އަދި ޖެނެރަލް ސްޓޯސް ހިމެނޭނެ އެވެ.