ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހޮސްޕިޓަލުގައި އަލަށް ގާއިމްކުރި އިޖެންސީ ރޫމާއި، އަލަށް ގާއިމްކުރި ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވައި، އައިސޮލޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާ އިޖެންސީ ރޫމް އަދި ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެވެ. އަދި އައިސޮލޭޝަން ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
އެ ދެ ތަން ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ފަސްޓްލޭޑީ ވަނީ އެތަން ބައްލަވައިލައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެންބަރުންނާއި ކޭއާރްއެޗްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު އެ ހޮސްޕިޓަލުގައި އަލަށް ހުޅުވި އިމަޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 6 އެނދުގެ މައްޗައް އެކުލެވޭ ތަނެކެވެ. ޕްރޮސީޖާ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެހެން ތަރައްގީކޮށްފައިވާ ތަނެކެވެ. ކުއްލި ހާލަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެ ތަނެކެވެ. އެމްބިއުލާންސަށް ފަސޭހައިން އެތެރެއަށް ވަދެވި ހިދުމަތްތައް ފޯރުކޮށްދިނުމަށް އަވަސްވެގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނިވެސް އެ ހޮސްޕިޓަލްގެ އީއާރުން 1679 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިދިޔަ އަހަރު ޖުމުލަ 6591 މީހުންނަށް އީއާރްއިން ފަރުވާ ދީފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މިއަދު ހުޅުވި ޑަޔަލިސިސް ސެންޓަރަކީ 9 އެނދުގެ ސެންޓަރެކެވެ. މީގެކުރިން އެ ހޮސްޕިޓަލުގައި ހިދުމަތް ދެމުން ދިޔައީ 4 އެނދުގެ ޑަޔަލިސިސް ޔުނިޓެއްގައެވެ. މި ޑައިލިސިސް ސެންޓަރުގެ ހިދުމަތާއެކު ހާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދޭން ފަށާފައިވަނީ 2013ވަނަ އަހަރެވެ.
ކޭއާރްއެޗުގައި މިއަދު ބިންގާ އެޅި އައިސޮލޭޝަން ފެސިލިޓީގައި 14 ޕްރައިވެޓް ކޮޓަރިއާއި 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް އަދި ކޮންވާޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހިމެނޭނެ އެވެ. މިއީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓު ބޭންކިން އިން ފައިނޭންސްކޮށްގެން ސިއްހީ ވުޒާރާއިން ކުރިއަށްގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ސިސްޓަމް ޕްރިޕެއާޑްސް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ ތަނެކެވެ.
ކޭއާރްއެޗް ޓާޝަރީ ފެންވަރަށް ތަރައްގީކޮށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް މިމަހުވަނީ އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަން ހަމަޖެހިފައިވަނީ 2 މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ހޮސްޕިޓަލުގެ ހިދުމަތް ޓާޝަރީ ފެންވަރަށް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު، ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލުކުރާނެ އެވެ.
ދެވަނަ މަރުހަލާގައި ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރާނެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުން މީހުން އެންމެ ގިނައިން ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.
އާއިޝަތު މާހާ
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް