މިރޭ ޖެނީވާގައި ނެގި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުގައި ސްޕެއިންގެ ބާސެލޯނާއާއި އިޓަލީގެ ޔުވެންޓަަސް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ބޮޑު ވާދަވެރިކަމެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ އާޖެންޓީނާގެ ލިއޮނެލް މެސީއާއި ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރިކަމެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހަ ފަހަރު ހޯދާފައިވާ އިރު، ރޮނާލްޑޯ ވަނީ ފަސް ފަހަރަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ރޮނާލްޑޯ ރެއާލްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު މިހާރު ކުޅެމުން އަންނަނީ ޔުވެންޓަސްއަށެވެ. ރެއާލްއާއެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލައިލިއެވެ. އޭގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއެކު ވެސް ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މުޅި ސީނިއާ ކެރިއަރު އެއް ކްލަބެއްގައި ހޭދަކުރަމުން އަންނަ މެސީ ވަނީ ބާސާއާއެކު ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ.

މެސީއާއި ބާސާއަށް މިދިޔަ ދެތިން އަހަރުވެސް ޗެމްޕިއަންސް ލީގުގައި ހިތްދަތިކަން ކުރިމަތިވެފައިވާ އިރު، މިދިޔަ އަހަރު ޔުވެންޓަސްއާއެކު ރޮނާލްޑޯއަށްވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.

މިދިޔަ އަހަރު ޗެމްޕިއަން އަތުން ބާސާ ބޮޑު ބައްޔެއްވެގެން މުބާރާތުން ކެޓުމާއި، އިތުރު ބައެއް ކަންކަމުގެ ސަބަބުން މެސީ ބާސާ ދޫކޮށްލަން އުޅުނު ނަމަވެސް، ބާސާއިން ވަނީ އޭނާ މަޑުކުރުވައިފައެވެ. ބެލެވޭ ގޮތުގައި މިއީ މެސީ ބާސާގައި މަޑުކުރާނެ އެންމެ ފަހު ސީޒަނެވެ. އެހެންކަމުން ޗެމްޕިއަންސް ލީގަށް އިތުރު ހިތްވަރެއް ލާނެ ކަމަށް ބެލެވެއެވެ. ހަމައެހެންމެ މިދިޔަ ސީޒަނަށްފަހު ރޮނާލްޑޯވެސް ބުނެފައިވަނީ ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު އުފުލައިލަން ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޔުވެންޓަސްއާ ބާސާ އެއް ގްރޫޕަކަށް ދިޔައިރު، ޕީއެސްޖީއާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާރްބީ ލެއިޕެޒް ވެސް ގޮސްފައިވަނީ އެއް ގްރޫޕަކަށެވެ. ޗެލްސީއަށް ދިމާވީ ފަސޭހަ ގްރޫޕެކެވެ. ޕޮޓް އެކަކުން އެ ގްރޫޕަށް ދިޔައީ ސެވިއްޔާއެވެ. ގްރޫޕް އޭގައި އެންމެ ވަރުގަދަ ދެ ޓީމަކަށް އޮތީ އެތުލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ. އަންނަ އަހަރު ފައިނަލް އޮންނާނީ ތުރުކީގެ އިސްތާމްބޫލްގައެވެ.

  • ގްރޫޕް އޭ: ބަޔާން މިއުނިކް، އެތުލެޓިކޯ މެޑްރިޑް، ރެޑްބުލް ސާލްސްބާގް، ލޯކޮމޯޓިވް މޮސްކޯ
  • ގްރޫޕް ބީ: ރެއާލް މެޑްރިޑް، ޝަކްޓާޑޮނެސްކް، އިންޓަ މިލާން، ބްރޫޝިއާ މުންޗަންގްލަޑްބެޗް
  • ގްރޫޕް ސީ: މެންޗެސްޓާ ސިޓީ، ޕޯޓޯ، އޮލިމްޕިއާކޯސް، މާސޭ
  • ގްރޫޕް ޑީ: ލިވަޕޫލް، އަޔެކްސް، އެޓްލާންޓާ، މިޑްޝިލޭންޑް
  • ގްރޫޕް އީ: ސެވިއްޔާ، ޗެލްސީ، ރަސްނޮޑާ، ސްޓޭޑް ރެނޭ
  • ގްރޫޕް އެފް: ޒެނިތު، ބުރޫޝިއާ ޑޯޓުމަންޑް، ލާޒިއޯ، ކްލަބު ބުރޫޖް
  • ގްރޫޕް ޖީ: ޔުވެންޓަސް، ބާސެލޯނާ، ޑައިނަމޯ ކިއޭވް، ފެރޭންސްވަރުސީ އެސްސީ
  • ގްރޫޕް އެޗް: ޕީއެސްޖީ، މެންޗެސްޓާ ޔުނައިޓެޑް، އާރްބީ ލެއިޕްޒިގް، އިސްތާމްބުލް ބަޝެކްޝެހީރު