އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް ހޯދާފައި ނުވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން މިފަދައިން ބުނެ ޓުވީޓު ކޮށްފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި އެންމެ އިސްކޮށް ހިމެނޭ ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް މި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ދައުލަތުން ހުށަހެޅި ހަތް ދައުވާއަށް އިއުތިރާފުވެ ދެއްކެވި ވާހަކައަށް ރައްދު ދެމުންނެވެ.

އެގޮތުން އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުތަކަށްވެސް ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީން ވަނީ އެންމެ ފުރަތަ ދުވަހުން ފެށިގެން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިންގި ހިޔާނާތްތަކާއި ކޮރަޕްޝަންގެ ވާހަކަ އެ ޕާޓީން އަޑުހަރުކޮށް ދެއްކެވި ކަމަށް ބުނެފައެވެ. އަދި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ އެޕާޓީން ކުރީގެ ނައިބު ރައީސް ހިންގެވި ޣައިރު ގާނޫނީ ކަންކަމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އެ ޕާޓީން ކަމަށް އަދާލަތުން ބުނެއެވެ.

މީގެ އިތުރުން މި ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާއެއް އެ ޕާޓީން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން އަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ދޭ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

އަދާލަތު ޕާޓީން ވަނީ ލަސް ނުކޮށް، ވީ އެންމެ އަވަހަކަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ޝާމިލުވާ އެންމެންނާއި، މިކަމާ ގުޅިގެން ހިންގާފައިވާ މުއާމަލާތްތަކުގެ ތަފްސީލު އާންމު ކުރުމަށް ކަމާބެހޭ މުއައްސަސާ ތަކަށް ގޮވާލާފައެވެ.