އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޤަފޫރު ތައުބާވެވަޑައިގެން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
އޭނާ މައާފަށް އެދިވަޑައިގެންނެވީ، ނައިބު ރައީސް ކަމުގެ މަގާމާއި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރައްވައިގެން، ޓޫރިޒަމް ތަރައްގީކުރުމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އަމިއްލަ ފައިދާއަށް އަމިއްލަ ފަރާތްތަކެއްގެ އެކައުންޓުތަކަށް ޖަމާކޮށްގެން ހިންގި ހިޔާނާތުގެ މައްސަލަތަކާ ގުޅިގެންނެވެ.
އަދިބާ ދެކޮޅަށް އެ ހިޔާނާތާ ގުޅޭ ހަތް މައްސަލައެއް ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހަށް ދައުލަތުން ހުށަހެޅިއެވެ.
އެ މައްސަލަތަކަށް އިއުތިފާވެވަޑައިގެން ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ކުރެވުނު ކުށްތަކަށް ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދީބު ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވި އިރު، ހެއްދެވިފައިވާ ގޯސްތަކާ މެދު ވިސްނާފައިވާ ކަމަށެވެ. އަދި އެ ކަންތައްތަކާ މިހާރު ހިތާމަކުރައްވާ ކަމަށާއި އެކަންކަމަށް ތައުބާވެވަޑައިގެންފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސައިލައިގައި، ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެ ފައިސާއަކީ ހޯދަންޖެހޭ ފައިސާ ކަމަަށާއި އެކަމަށްޓަކައި ދައުލަތުން އެދޭ ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި އޭނާ ވެސް އިސްތިސްނާ ނުވާނެ ގޮތަށް، އެކަމުގައި ހިމެނޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ބޭނުންވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެކެވެ.
އެ ދައުވާތަކަށް އަދީބު އިއުތިރާފުވުމާ ގުޅިގެން އަވަސް ނިޔާގެ ގޮތުގައި އެ މައްސަލަ ކުރިއަށްގެންދަން ކޯޓުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު