އަމިއްލަ ސިއްހަތަށް އިސްކަންދީ، އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް އިއްޔެ ފެށި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ކެންސަރާ ގުޅޭ ފަރުވާއަކީ ހޭލުންތެރިވުމުން ފެށޭ ފަރުވާއެއް ކަމަށެވެ.
ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމާ މެދު ސުވާލު އުފައްދައި ޖަވާބު ހޯދަން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، އުރަމަތީގެ ކެންސަރަކީ އެކަކަށް ޖެހުނު ނަމަވެސް އޭގެ އަސަރު އެތައް ބަޔަކަށް ކުރާ ބައްޔެއްކަމަށެވެ.
ސާޖިދާ ވިދާޅުވީ، ދުރާލައި ބަލި ދެނެގަތުމަކީ އަވަހަށް ފަރުވާ ފަށައި، ބަލިން ސަލާމަތްވުމަށް ލިބޭ ފުރުސަތު ބޮޑުވެގެންދާ ކަމެއް ކަމަށާއި އަމިއްލަ ސިއްހަތާ ގުޅޭގޮތުން ހުންނަ ކަންބޮޑުވުންތަކުގައި ލަސްނުކޮށް ފުރަތަމަ ފިޔަވަޅު އެޅުމަށް ހުރިހާ އަންހެނުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
"މިއަދު މިވާހަކަ އަޑުއަހާ ކޮންމެ އަންހެނަކަށް ބުނެލަން ބޭނުންވަނީ އަމިއްލަ ސިއްހަތާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ލަސްނުކުރައްވާށޭ. އަމިއްލަ ސިއްހަތަށް އިސްކަންދެއްވައި، ފުރަތަމަ ފިޔަވަޅު އަޅުއްވައި، ސިއްހީ ބޭފުޅެއްގެ އެހީތެރިކަން ހޯއްދަވާށޭ" ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވިއެވެ.
ބަލި ދެނެގަތުމަށް ފެންވަރު ރަނގަޅު މެމޮގްރަފީ، އަލްޓްރަސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ހިދުމަތްތައް މުހިންމުކަން ފާހަގަކުރައްވަމުން، ޓެކްނޮލޮޖީއާއި އާ އީޖާދުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސިއްހީ ހިދުމަތްތެރިންގެ ހުނަރު ތަރައްގީކުރާންޖެހޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެ ވަކިވަކި ރަށްތަކަށް ބެހިފައި އޮތް ނަމަވެސް ފުރިހަމަ ފަރުވާ ދިނުމަށް އެކަން ގޮންޖެހުމަކަށް ވެގެން ނުވާނެ ކަމަށާއި ފަރުވާގެ ނިޒާމު ކޮންމެ ތަނެއްގައިވެސް ފުޅާކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އަލީ ޔާމިން
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
ކޮމެންޓް