އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލްގަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަށް، ދައުލަތާއެކު އަދީބު ވެފައިވާ އިއުތިރާފްގެ އެއްބަސްވުން ކުރިމިނަލް ކޯޓުން ބަލައިގަނެ، އެ މައްސަލަ އަވަސް ނިޔާއިން ކުރިއަށްގެންދަން ނިންމައިފިއެވެ.

ކުރިމިނަލް ކޯޓަށް މީގެ ކުރިން އެ މައްސަލަތައް ހުށަހެޅުމުން ބޭރުކޮށްލުމާ ގުޅިގެން، އެ މައްސަލަތައް ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓިގެ މައްޗަށް ކުރި އަމުރާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދައުވާތައް ދައުލަތުން ހުށަހެޅީ އަދީބާއި ދައުލަތާއެކު ވެފައިވާ އިއުތިރާފީ އެއްބަސްވުމެއްގެ ދަށުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.

ދައުލަތުން އެ މައްސަލަަތައް ހުށަހެޅުއްވުމުން އެކަންތަކަށް އިއުރާފުކުރަންތޯ ގާޒީ ހަސަން ސައީދު އަދީބާ ސުވާލުކުރެއްވުމުން އެ ދައުވާތަކަށް އިއުތިރާފުވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި ދައުލަތާއެކު ހަދާފައިވާ އިއުތިރާފީ އެއްބަސްވުމަކީ، ސައްހަ އެއްބަސްވުމެއް ކަމަށާއި އެ ހުރިހާ ކަމަކަށް އިއުތިރާފު ވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށާއި ހަމަ ބުއްދީގައި ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ދެ ފަރާތުން އެ އެއްބަސްވުން ގަބޫލުކުރާނަމަ، ޝަރީއަތުންވެސް އެ އެއްބަސްވުމާއި އަދީބުގެ އިއުތިރާފު ބަލައިގަނެ އެ މައްސަލަ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދަން ނިންމެވީ ކަމަށެވެ.

ނަމަވެސް އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، މިހާރު ވެވިފައި އޮތް އިއުތިރާފުގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް ޕީޖީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އަދީބު ވިދާޅުވީ މިހާރު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާއެކު، އެ ދައުވާތަކާ ގުޅިގެން އަންނަ އަދަބުތަކަށް އިތުރަށް ލުއި ލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ އޭނާގެ ބަލި ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ބޭނުންވަނީ މިހާރު ވެވިފައިވާ އެއްބަސްވުމާއެކު ކުރިއަށްދިއުމަށް ކަމަށެވެ.

އެކަމާ ގުޅިގެން މިހާރު އޮތް އެއްބަސްވުމުގެ އިތުރުން، އިތުރު އެއްބަސްވުމެއް ވެވިދާނެތޯ ގާޒީ ސުވާލުކުރެއްވިއެވެ.

އެކަމަށް ޖަވާބުދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ، އެ އެއްބަސްވުން އަލުން މުރާޖައާކޮށް، އެއްބަސްވުމެއް ހެދުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަވާނެ ކަމަށެވެ.

އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފީ އެއްބަސްވުމުގެ ދަށުން ލިބޭ ލުއިތަކާއެކު އަދީބަށް އަންނާނީ ޖުމުލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ހުށަހެޅި އެއްބަސްވުމުގައިވާ އަދަބުތަކުން ހާމަވެއެވެ.