އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން، ލިބުނު ފައިސާ އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުގެ އެކައުންޓަކަށް ޖަމާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިރުޝާދާ އެކުގައި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޤަފޫރު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވެ ވާހަކަދައްކަވަމުންނެވެ.
އަދީބު ވިދާޅުވީ ބިޑު ކުރުމެއްނެތި، ޓޫރިޒަމް ތަރައްގީކުރުމަށް ރަށްތަކާއި ފަޅުތައް ދޫކުރުމާއި، އެކަމުން ލިބޭ ފައިސާ ދައުލަތަށް ހޯދުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކުރުމާއި، އެކަމާ ބެހޭގޮތުން އޭނާ ކުރެއްވި ހުރިހާ ކަމަކީ ރައީސް ޔާމީނަށް އެނގިވަޑައިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރެއްވި ކަންތައްތަކެއް ކަމަށެވެ.
އެގޮތުން ބިޑު ކުރުމެއްނެތި ވަކި ބަޔަކަށް މަންފާވާގޮތަށް ރަށްތަކާއި ފަޅުތައް ދޫކޮށްފައިވާ އިރު، އޭރު އެކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން އޭރު މުއާމަލާތްތައް ހިންގަމުން ދިޔައީ ވެސް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށާއި އެމްއެމްއޭއިން ފެށިގެން ދައުލަތުގެ އެކިއެކި މާލީ އިދާރާތަކުގެ ތެރެއިން އެ ފައިސާ ދައުރުވެފައިވަނީ ވެސް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަަމަށް އަދީބު ވިދާޅުވިއެވެ.
އޭގެ އިތުރުން ސީދާ ރައީސް ޔާމީނަށް އެނގިވަޑައިގެން އެސްއޯއެފް މެދުވެރިކޮށް، އެމަނިކުފާނުގެ އެކައުންޓަށްވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.
ދައުލަތުގެ ފަރާތުން އެ ދައުވާތަކުގެ ތަފްސީލުތައް ހުށަހެޅި އިރު، އެތައް ރަށަކާއި އެތައް ފަޅެއް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރު އެކިއެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއިން ނާޖާއިޒު މަންފާ ނަގާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އަދީބު އިސްވެ ހުރެ އެ ޖަރީމާތައް ހިންގާފައިވަނީ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބޭނުންކުރައްވައިގެން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ ކުރިން މި ދައުވާތައް ކުރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް އަލުން އެ ދައުވާތައް ހުށަހަޅައި ބަލަން ފަށާފައި މިވަނީ ހައިކޯޓުން އެންގުމާ ގުޅިގެންނެވެ.
ދައުލަތުން ހުށަހެޅި ހަތް ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު