ޓޫރިސްޓު ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރުމަށް ދޫކުރި ރަށްތަކުގެ ތެރެއިން، އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ 24 އެކައުންޓަކަށް ޖަމާކޮށްފައިވާ ކަަމަށް ދައުލަތުން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޤަފޫރުގެ މައްޗަށް ދައުލަތުން، ހަތް ދައުވާއެއް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅުއްވަމުން އެހެން ވިދާޅުވީ ދައުލަތުގެ ވަކީލާއެވެ.

އެ ހަތް ދައުވާގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އެ މައްސަލައިގައި، އެމްއެމްޕީއާރުސީއަަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް އަދީބު އަންގަވައިގެން، އަމިއްލަ ފަރާތްތަކަކާއި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީއަށް ފައިސާ ދިން ކުންފުނިތަކާއި އެ ކުންފުނިތަކުން ދިން ފައިސާގެ ޗެކުތައް، އަދީބުގެ އެންގުމަށް ޖަމާކުރާ އެކައުންޓުތަކާ ބެހޭ ތަފްސީލުތައް ވެސް ދައުލަތުގެ ވަކީލާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ހާމަކުރައްވައިފައެވެ.

އެ ހަތް ދައުވާގެ ތެރެއިން މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު 59 މިލިއަން ޑޮލަރު ދައުލަތަށް ލިބެންޖެހޭ އިރު، އަދީބުގެ ބެލުމުގެ ދަށުން އެ ފައިސާ ބޭނުންކޮށްފައިވާތީ ކަމަށް ވެސް ދައުލަތުން ބުންޏެވެ.