ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް މުހައްމަދު ސަމާހު މަރަން ދަށު ކޯޓުން އިއްވާފައިވާ ހުކުމަަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
ކ. ކާށިދޫގައި ޑިއުޓީ އަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޕޮލިސް ސާޖަންޓް ކ. ކާށިދޫ، ކެތި، އާދަމް ހަލީމް މަރާލާފައި ވަނީ 22 ޖުލައި 2012 ގައެވެ. އެ މައްސަލައިގައި، ހަލީމު މަރާލިކަމަށް ކުށް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 25 ޖެނުއަރީ 2013 ގައެވެ.
މި މައްސަލަ ދައުލަތުން ހައިކޯޓުގައި އސިްތިއުނާފު ކުރީ، މިއީ މަރުގެ މައްސަލައެއް ކަމުން ނިހާއީ ހުކުމެއް ކަނޑައެޅުމަށްޓަކައެވެ.
މި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް ބެލިއިރު، ކުރިމިނަލް ކޯޓުން ކ.ކާށިދޫ، ކެތި އާދަމް ހަލީމް ގަސްދުގައި މަރާލުމުގެ ކުށް ކ.ކާށިދޫ، ސުވާސާގެ މުހައްމަދު ސަމާހުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުހައްމަދު ސަމާހު މެރުމަށް ހުކުމް ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް، މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން ކަމަށެވެ.
ސަމާހު މެރުމަށް ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރިނަމަވެސް، މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހެއްޓުމުންނެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރަން ސަމާހަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަނާޅައިފިނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު