ޑަބްލިއު ކޮންސްޓްރަކްޝަންއިން މ. ނަލަހިޔާމަންޒިލް އިމާރާތް ކުރަމުން ދިއުމުގެ ތެރެއިން، ވިންޗުގެ އެހީގައި އެ އިމާރާތުގެ ނުވަނަ ބުރިއަށް އަރުވަމުންދިޔަ ހިލަ އާއި ސިމެންތި ބަސްތާތަކުގެ ތެރެއިން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން ނިޔާވި މައްސަލައިގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، (އެމްޑީ) އާދަމް ޝަފީގުގެ މައްޗަށް ދައުލަތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ ހާދިސާ ހިނގީ 16 ޑިސެންބަރު 2018 ވަނަ ދުވަހު އެވެ.

އެ ދުވަހުގެ ހެނދުނު 10:30 އެހާކަންހާއިރު ވެއްޓުނު ސިމެންތި ބަސްތާއިން، އެވަގުތު ފަރީދީމަގުން ދެކުނުން އުތުރަށް ހިނގާފައިދިޔަ އަށް އަހަރުގެ ރައުޝަމް ޖިއާންގެ ކަނދުރާމަތީގައި ޖެހި ލިބުނު އަނިޔާތަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ 17 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން އާދަމް ޝަފީގާއި، ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން، އެދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު ގެ މައްޗަށް ދައުވާ ކުރިއެވެ.

އޭގެ ތެރެއިން ޝަފީގު ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް 2019 އޮކްޓޫބަރުގައި ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

މި މައްސަލައިގައި ޝަފީގުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ޝަފީގުގެ މައްޗަށް ސާބިތު ނުވާކަމަށް ކުރިމިިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ ހުކުމުގައި ކުރިމިނަލް ކޯޓުން ބުނެފައިވަނީ، ޑަބްލިއު ކޮންސްޓްރަކްޝަން އާއި މ. ނަލަހިޔާ މަންޒިލް މުހައްމަދު ޝަރީފާ ދެމެދު ވެފައިވާ އިމާރާތް ކުރުމުގެ އެއްބަސް ވުމުގައި ޝަފީގު ސޮއިކޮށްފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށެވެ.

އެހެންކަމުން އެ އެއްބަސްވުމުގައިވާ އިލްތިޒާމުތަކަށް ޝަފީގު ޝަހުސީގޮތުން ޒިންމާވާން ނުޖެހޭ ކަމަށާއި، އެމްޑީ އަކީ އަމަލީގޮތުން މަސައްކަތްކުރާ، އަދި ސައިޓްގައި އާއްމުގޮތެއްގައި މަސައްކަތްކުރާ ފަރާތަކަށްނުވާތީ އާއި އެ އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި އެ ހާދިސާއާ ގުޅުން ހުރި އެއްވެސް ކަމެއް ޝަފީގު ކުރިކަމާއި އެތަނުގެ ސަލާމަތީ ކަންކަމާގުޅިގެން އަމަލީގޮތުން ކުރަން ލާޒިމު ކުރާ ކަމެއް ނުކޮށް ދޫކޮށްލިކަން ސާބިތުވެފައި ނުވާތީ ހާދިސާއާ ގުޅިގެން ޖިނާއީ މަސްއޫލިއްޔަތު ޝަފީގު އުފުލަން ނުޖެހޭނެ ކަމަށެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަޑުއެހުންތައް ނިންމައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގެ އިސް ފަނޑިޔާރު ޝުއައިބު އަބުދުއްރަހުމާނު ހުކުމް އިއްވަވަމުން ވިދާޅުވީ އެ މައްސަަލަ ދައުލަތުން އިސްތިއުނާފު ކޮށްފައި ވަނީ، އިސްތިއުނާފީ އެންމެ ނުކުތާއަކަށް ބިނާކޮށްކަމަށެވެ.

އެ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ އެ ނިންމުމަކީ ގާނުނުލްއުގޫބާތުގެ 70 ވަނަ މާއްދާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފާހަގަކޮށް ހުށަހެޅި ނުކުތާއެއް ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ، އެ ދައުވާ ރައްދު ވާ ފަރާތުން އިޖުރާއީ ނުކުތާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، އެ މައްސަލައަކީ ޖިނާއީ އިޖުރާއަތު ގާނޫނާ ހިލާފަށް އަދި ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދީފައިވާ ހައްގަށް އުނިވާގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި ގާނޫނުލް އުގޫބާތުގެ 70 ވަނަ މާއްދާއާ ހިލާފަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަށް އެފަރާތުން ފާހަގަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދެ ފަރާތުން ފާހަގަކުރި ނުކުތާތަަކަށްފަހު ހުކުމް އިއްވަވަމުން ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ ވިދާޅުވީ، މި މައްސަލައަކީ މައުލޫއީގޮތުން ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަަމަށް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވާ ކަމަށެވެ.

ހުކުމްގެ ތަފްސީލުގައި ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ކުރިމިނަލް ކޯޓުން ނިންމީ ގާނޫނުލް އުގޫބާތުގެ 70 ވަނަ މާއްދާއާ ހިލާފަށް ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވާއިރު ދަށު ކޯޓުގައި މައްސަލަ ހިނގަމުންދިޔަ އިރު އެއްވެސް އަޑުއެހުމެއްގައި އެ މާއްދާއަށް އެއްވެސް ވަރަކަށް ދައުލަތުން ހަވާލާދީފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް، ޖަވާބުދާރީވުމަށާއި ދިފާއުވުމަށް ފުރުސަތު ލިބިފައި ނުވާ ނުކުތާއެއް ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅޭ ހެކިތަކާއި ދިފާއުތަކަކީ އަސާސްކަމަށް ބަލައިގެން ކަމަށް ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގައި ކުރިން ނަގާފައި ނުވާ ގާނޫނީ ނުކުތާއެއް ހައިކޯޓުގައި ފުރަތަމަ އަށް ނެގިޔަސް އެކަން ބެލެން ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ގާނޫނުގައި ބުނާއިރު ހައިކޯޓުން އެކަން ކޮށްފިނަމަ އިސްތިއުނާފު ރައްދުވާ ފަރާތުގެ ހައިސިއްޔަތުން ޝަފީގަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފުގެ ހައްގަށް އުނިކަން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.