އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ހުށަަހަޅާފައިވާ އިސްލާހު ތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން އަންގާ ކަންކަން ޕާޓީތަކުން ކުރަން ޖެހޭނެ ކަމަށް އޮތް އިސްލާހު ޑްރާފްޓުން އުނި ކުރަން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުންނާއި ސަރުކާރުގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އެދިއްޖެއެވެ.

އެފަރާތްތަކުން މިގޮތަށް އެދުނީ ގާނޫނަށް އިސްލާހު ގެނައުމަށް އީސީން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭގޮތުން ސިޔާސީ ޕާޓީތަކާއެކު އެ ކޮމިޝަނުން މިއަދު ކުރިއަށް ގެންދާ ބައްދަލުވުމުގެ ތެރެއިންނެވެ.

އީސީން މި އިސްލާހު ހުށަހަޅާފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައެވެ.

އެ މާއްދާގެ (ފ)ގެ ގޮތުގައި ހުށަހަޅާފައިވާ މި އިސްލާހުގައި ބުނެފައި ވަނީ، އެ މާއްދާގެ (ހ) އިން (މ) ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި ސިޔާސީ ޕާޓީތައް ރެގިއުލޭޓު ކުރުމުގެ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޝަންސް

ކޮމިޝަނުން އަންގާ ކަންކަން ކުރަންވާނެ ކަމަށެވެ.

އެ އަކުރު އުނިކުރަން ހުށަހަޅުއްވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ އެއީ އިސީއަށް ވަރަށް ބޮޑެތި ބާތުރަކެއް ޖަމާވާ އަކުރެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ވިދާޅުވީ އެ އަކުރުގެ ސަބަބުން އެ މާއްދާގައި ހިމެނޭ، (ހ) އިން ފެށިގެން (މ) އާ ހަމައަށް ހުރި ހުރިހާ އަކުރެއްގެ ބޭނުން ކެނޑޭ ކަމަށެވެ. އެހެންކަމުން އެ އަކުރަކީ އެ މާއްދާގައި އޮންނަން ޖެހޭ އަކުރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީތަކުގެ އެ ހުށަހެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވެސް ތާއީދު ކުރެއްވިއެވެ.

މި ބައްދަލުވުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެ އަކުރު އުނިކުރަން އެހެން ޕާޓީތަކުން ހުށަހެޅި ހުށަހެޅުއްމަށް ތާއީދު ކުރައްވާ ކަމަށެވެ.