ގދ. ހޯނޑެއްދޫން ކޮވިޑަށް ބަޔަކު ފުރަތަަމަ ޕޮޒިޓިވް ވީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މާލެއިން އެރަށަށް ގޮސް އެއް ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މެންބަރުންނެވެ. އެމީހުން ޕޮޒިޓިވް ވުމާއެކު އެރަށުން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ޕޮޒިވް ވެފައެވެ. އެއާއެކު ހޯނޑެއްދޫއާއި އެރަށާއި ކޯޒްވޭއަކުން ގުޅިފައިވާ މަޑަވެލި މޮނީޓަރިންގެ ހާލަތަށް ލައި، ހޯނޑެއްދޫއަށް ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ކަމާ ގުޅޭ އެހެން އިދާރާތަކުން މަސައްކަތް ފެށިއެވެ.

ހޯނޑެއްދޫން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން ދެމީހުން ޕޮޒިޓި ވި ފަހުން ވެސް ކޭސްތައް އައީ އިތުރުވަމުންނެވެ. އެގޮތުން، މިހާތަނަށް އެރަށުން ވަނީ 45 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް އަންނަނީ ގއ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ. އެ މީހުން ފެސިލިޓީއަކަށް ބަދަލުކޮށް ފަރުވާދެމުން އަންނަނީ އެ ދެމީހުންނަކީވެސް އުމުރުން ދުވަސްވީ މީހުންނަށް ވެފައި، ހާލު ދެރަވެއްޖެ ހާލަތެއްގައި އެންމެ އެކަށީގެންވާ ފަރުވާ ދެވޭނެ އިންތިޒާމު ހޯނޑެއްދޫގައި ނެތުމުންނެވެ. ހޯނޑެއްދޫން ބަލި ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ.

ހޯނޑެއްދޫން ޕޮޒިޓިވް ވި 45 މީހުންގެ ކޮންޓެކްޓުންގެ އަދަދު 200އިން މަތީގައި އުޅޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ، އެ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަަލަށް ހޯނޑެއްދޫން ޕޮޒިޓިވް ވި 38 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 202 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި ހައިރިސްކު 19 މީހަކުވެސް ހިމެނޭ ކަމަށެވެ.

"މިހާތަނަށް 202 މީހުން ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި. ކޮންޓެކްޓުންގެ ތެރޭގައި ގާތްގަނޑަކަށް 18 މީހުން އެބަ އުޅޭ ހައި ރިސްކް މީހުން. މިހާތަނަށް ޕޮޒިޓިވް މީހުން އެރަށުގެ ހަ ޕަސެންޓް ގޭބިސީން ފެނިފައި މިވަނީ. 19 ޕަސެންޓް ގޭބިސީގައި ކޮންޓެކްޓް ވީ މީހުން އެބައުޅޭ،"ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެރަށުން އިތުރު ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ކޮންޓެކްޓުންގެ އަދަދު 202 އަށް ވުރެ ގިނަވުން އެކަށީގެން ވެއެވެ. ނަމަވެސް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓުންގެ އަދަދު ހޯދުމަށް "ވަން" އިން އެކި ގޮތްގޮތުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިމަހުގެ 26 ވަނަ ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ހޯނޑެއްދޫގައި އޮތީ އެއް ޗެއިން އޮފް ޓްރާންސްމިޝަން ކަމަށާއި އެރަށަށް ބަލި ފެތުރުނީ އެންމެ ސޯސްއެއްގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ޕޮލިހާ އަދި އެތަނުގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި އެއްކޮށް ހަމަ ވަރަށް ގިނަ ގޮތްގޮތުން ބަލައިފިން. އަޅުގަނޑުމެންނަށް އަދިވެސް ހަމަ ފެނުނު ގޮތުން ސިންގަލް ސޯސްއަކުން ފުރަތަމަ ދެ ކޭސްއަށް، ފުރަތަމަ އެރަށުން ޕޮޒިޓިވް ވި ފުރަބަންދު ނޫން ދެ މީހުންނަށް ސިމްޕްޓަމެޓިކް ދެމީހުންނަށް ބަލި ފެތުރުނު ކަމަށް އަޅުގަނޑުމެންނަށް މި ބެލެވެނީ. ދެން އަޅުގަނޑުމެންނަށް ސީދާ ހޯމް ކަރަންޓީންގައި ހުރި މީހެއް ނުކުތް ކަމުގެ ޕްރޫފެއް އަދި ލިބިފައެއް ނެތް. އެހެންނަމަވެސް މިހާތަނަށް ފެނުނު ކޭސްތަކަކީ ފުރަތަމަ އެތަނުން ފެނުނު އިންޑިޕެންޑެންޓް ދެކޭސްއާ ގުޅުން ހުރި ކޮންޓެކްޓުންގެ ތެރެއިން އަނެއްކާ އިތުރަށް ފެނުނު މީހުން ކަމަށްވާތީ ހަމަ އެއް ޗެއިން އޮފް ޓްރާންސްމިޝަން މިއުޅެނީ. އެހެންކަމުން ލޯކަލް ޓްރާންސްމިޝަންއެއްގެ ގޮތުގައި މިއޮތީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯނޑެއްދޫން ބައްޔަށް ފަހުން ޕޮޒިޓިވް ވި އެންމެންނަކީވެސް ސާވައިލަންސް ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވި ދެމީހުންގެ ކޮންޓެކްޓުން ކަމަށެވެ. އެހެންކަމުން އެރަށުގައި އޮތީ ލޯކަލް ޓްރާންސްމިޝަންއެއް ކަމަށެވެ.

ހޯނޑެއްދޫއާ ގުޅިގެން އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، އެރަށުން ޕޮޒިޓިވް ވި މެޖޯރިޓީ މީހުންނަކީ ހޯމް ކަރަންޓީންގައި ތިއްބާ ޕޮޒިޓިވް ވި މީހުން ނިސްބަތްވާ އާއިލާގެ މީހުން ކަމެވެ. އެކަން އެރަށުގެ ރަސްމީ އިދާރާތަކުން ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް ވަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވި މީހުންގެ މެޖޯރިޓީއަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށާއި އޭގެ ތެރޭގައިވެސް ގިނައީ އެއްބަނޑުއެއްބަފާ މީހުންނާއި ދެބޭންގެ ދެދަރި މީހުން ކަމަށެވެ.

"މެޖޯރިޓީއަކީ ހަމަ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ހޯނޑެއްދޫ ކައުންސިލްގެ އިތުރުން އެރަށުގެ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ޝިފާއުވެސް ވަނީ އެރަށުން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ އެއް އާއިލާއެއްގެ މެންބަރުން ކަމަށް ވިދާޅުވެފައެވެ.

ހޯނޑެއްދޫން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ އެރަށުން ބަޔަކު ނުވަތަ މީހަކު ހޯމްކަރަންޓީންގެ އަމުރާ ހިލާފުވެފައިވާ ކަމަށެވެ. ހޯމް ކަރަންޓީންގެ އަމުރާ ހިލާފުވޭތޯ ބަލަން ޖެހެނީ ފުލުހުންނެވެ. ފުލުހުންގެ ޑެސްކެއް ނެތް ރަށެއް ނަމަ އެރަށެއްގެ ކައުންސިލުންނެވެ. ހޯނޑެއްދޫއަށް ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ ކޭސް އިންވެސްޓިގޭޝަންގެ މައުލޫމާތު ދެވޭނެ ހަމައެކަނި ފަރާތަކީ އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުކަމަށް އެރަށުގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

އެހެންކަމުން ހޯނޑެއްދޫން ހޯމް ކަރަންޓީންގެ އުސޫލާ އެއްވެސް މިންވަރަކަށް ހިލާފުވެފައިވާކަން ފާހަގަކުރެވިފައިވޭތޯ ބެލުމަށް "ވަން"އިން ޑރ. ނަޒްލާއާ ސުވާލު ކުރުމުން ވިދާޅުވީ، އެފަދަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ހޯނޑެއްދޫ ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ އޮފިޝަލަކުވެސް ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވަން"އަށް ވިދާޅުވީ، ހޯމް ކަރަންޓީންގެ އުސޫލާ ބަޔަކު ހިލާފުވެފައިވާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެރަށުގެ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވަން"އަށް ވިދާޅުވީ، ހޯމް ކަރަންޓީންގައި ތިބި ބަޔަކާ އެހެން މީހަކު ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ހޯމް ކަރަންޓީންގައި ތިއްބާ މިރަށުން ޕޮޒިޓިވް ވި އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އެ އާއިލާއަށް ނިސްބަތްވާ އަންހެނަކު ބައްދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ. އެ އަންހެން މީހާ އަކީ ރަށުން ދެން ޕޮޒިޓިވް ވި މީހާ. އެމީހާގެ ފަރާތުން އެހެން ފިރިހެނަކަށް ބަލި ޖެހުނު. ދެން މިގޮތަށް މި ކޭސްތައް އިތުރުވަމުން އައީ. ބޮޑަށް ހަމަ އެއް އާއިލާއަކަށް ނިސްބަތްވާ ދެތިން ގެއެއްގެ ތެރެއިން" އޭނާ ވިދާޅުވިއެވެ.

ހޯނޑެއްދޫއަށް ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓެނީ ސާވައިލަންސް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި ދެމީހުންނަށް ބަލި ޖެހުނު ގޮތާ ހިސާބުންނެވެ. އެރަށުން ޕޮޒިޓިވް ވި ހުރިހާ ކޭސްތަކަކީ އެއް ކޭސްއާ އަނެއް ކޭސްއާ ގުޅުން ހުރި އެއް ޗެއިން އޮފް ޓްރާންސްމިޝަން ކަމަށް ވާއިރު، އެމީހުންނަށް ބަލި ޖެހުނު ގޮތް މައިގަނޑު ގޮތެއްގައި ބެހިގެންދަނީ ދެ ސިނާރިއޯއަކަށެވެ.

ފުރަތަމަ ސިނާރިއޯއަކީ އެރަށުން ފުރަތަމަ ޕޮޒިޓިވް ވި ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އެ ދެމީހުން ނުވަތަ އެ ދެމީހުންގެ ތެރެއިން މީހަކު ބައްދަލުވީއެވެ. ދެވަނަ ސިނާރިއޯއަކީ އެރަށުގައި ގޮތް ނޭނގޭ ކޭސް އެއް ނުވަތަ ޕޭޝަންޓް "ޒީރޯ"އެއް އުޅެނީއެވެ.

ފުރަތަމަ ސިނާރިއޯއަށް ބަލާއިރު، އެރަށުން "ވަން"އަށް މައުލޫމާތު ދިން ބައެއް މީހުން ހިއްސާ ކުރި ވާހަކަތަކުން އެނގޭ ގޮތުގައި، ފުރަތަމަ އެރަށުން ޕޮޒިޓިވް ވި އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އެ އާއިލާގެ މީހަކު ބައްދަލުކޮށްފައި ވެއެވެ. އަދި އެމީހާގެ ފަރާތުން އެއާއިލާގެ އެހެން ބަޔަކަށް ބަލި ފެތުރުފައި ވެއެވެ. އެއް އާއިލާއަކަށް ނިސްބަތް ނުވާ ބަޔަކުވެސް ހޯނޑެއްދޫން ޕޮޒިޓިވް ވެފައިވާއިރު، "ވަން"އަށް ލިބިފައިވާ މައުލޫމާތުތަކަށް އެނގޭ ގޮތުގައި، އެމީހުންނަށް ބަލި ފެތުރުނު ކަމަށް ބެލެވެނީ އެ އާއިލާގެ މީހަކު ކައިވެނިކޮށްގެން އުޅޭ ޒުވާން ފިރިހެނެއްގެ ފަރާތުންނެވެ. އެ ޒުވާނާ ޕޮޒިޓިވްވިއިރު އެރަށުގެ ގިނަ ބަޔަކާ ބަައްދަލުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

"ޕޮޒިޓިވްކަން އެނގުނު އިރު އެ ޒުވާނާ ހުރީ ގަރާޖެއްގައި. ދެން އެ ގަރާޖުގައިވެސް ގިނަ ބަޔަކު ތިބި ކަމަށްވޭ. އަދި އޭގެތެރެއިންވެސް ހައެއްކަ މީހުން ޕޮޒިޓިވް ވި. ބަލި ޖެހުނު މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ބަލި ޖެހުނީ މިބުނާ މީހާގެ ފަރާތުން" ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ހޯނޑެއްދޫގައި ހޯމް ކަރަންޓީންގައި ތިއްބާ ފުރަތަމަ ޕޮޒިޓިވް ވި އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ސިޔާސީ ބޭފުޅެއްގެ އަނބިކަނބަލުންގެ އާއިލާއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ހޯނޑެއްދޫ ކޭސްގެ ހަގީގަތް ފޮރުވަން ބަޔަކު ނުފޫޒުގެ ބޭނުން ކުރެއެވެ. ނަަމަވެސް މި ދެންނެވި "ސިޔާސީ ބޭފުޅާ" ވަނީ އެކަން ދޮގުކުރައްވައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ވިދާޅުވެފައެވެ.

"އެއްވެސް ނުފޫޒެއް ނޯންނާނެ. އަޅުގަނޑުގެ މަންމަ ކުށެއް ކުރިކަމުގައިވިޔަސް އޭގެ އަދަބު ލިބެންވާނެ. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ" ސިޔާސީ ބޭފުޅާ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ހޯނޑެއްދޫން ޕޮޒިޓިވް ވި ކޭސްތަކާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި އިރު، އެ އެންމެންވެސް ތިބީ އެރަށަށް ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ކެތްމަދުވެފައެވެ. ހޯނޑެއްދޫގައި 800 އެއްހާ މީހުން ދިރިއުޅޭއިރު، އެރަށުގެ ޖުމުލަ އާބާދީ 1،200 އަށްވުރެ ގިނައެވެ. އެހެންކަމުން އެހާ ކުޑަ ކޮމިޔުނިޓީއެއްގައި 45 މީހުންނަށް ބަލި ޖެހި 200 އަށް ވުރެ ގިނަ ކޮންޓެކްޓުން ތިބިއިރު، އެކަމުގެ ހަގީގަތް އެނގެން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އުފެދޭ ސުވާލަކީ ހޯމް ކަރަންޓީންގެ އަމުރާ އެރަށުން ބަޔަކު ނުވަތަ މީހަކު ހިލާފުވީތޯއެވެ؟ ނުވަތަ ޕޭސަންޓް "ޒީރޯ"އެއް ހޯނޑެއްދޫގައިވެސް އުޅެނީތޯއެވެ؟