ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރާ ވައްކަންތައް ބެލޭނެ ގޮތެއް ނެތް ކަމަށާއި މިއީ ވަރަށްވެސް ބިރުވެރި ކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ނަގާ ލޯނުތަކުގެ ތަފްސީލު ހާމަ ކުރެވޭކަށް ނެތް ކަމަށާއި ހަދާ އެއްބަސްވުމެއްގެ މައުލޫމާތު ދެވެން ނެތް ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ

"ކުރާ ހަރަދެއް ބުނެދެވޭކަށް ނެތް. ކުރާ ވައްކަމެއް ބެލޭނެ ގޮތެއް ވެސް ނެތް. އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބުނަނީ. މީ ކޮންފަދަ ބިރުވެރި ކަމެއްތޯ؟" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ޓުވީޓްގައި އޮންލައިން ނޫހަކުން ޝާއިއު ކޮށްފައިވާ ހަބަރުތަކެއްގެ ސުރުހީ ހިމެނޭ ސްކްރީން ސޮޓްތަކެއްވެސް ވަނީ ހިމަނާފައެވެ.

ސަރުކާރުން ހިންގާ ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހާމަ ނުކުރާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ ނަގާފައިވާ ލޯނުތަކާއި އިންޑިއާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ މައުލޫމާތު ހާމަ ކުރުމަށް އިދިކޮޅުން ގޮވާލައިފައެވެ. އަދި ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.