ބާސެލޯނާއިން މި ސީޒަންގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވިލަރެއާލްގެ މައްޗަށް ކުރި ހޯދީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރު، އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުކޮށްފައި ހުރީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. ސީޒަން ފެށުމުގެ ކުރިން ބާސާ ދޫކޮށްދާން މެސީ އެދުނު ނަމަވެސް، ކްލަބުން އޭނާ ހިފެހެއްޓީ ގަދަކަމުންނެވެ. ގިނަ ބަޔަކު ރޭގެ މެޗުގައި ސަމާލުކަން ދިނީ މެސީގެ މޫނުމަތިން ފެންނާނެ މާޔޫސްކަން ބެލުމަށެވެ.

ހީކުރިގޮތާ ބާސާގެ ޓީމުގެ މަންޒަރުތައް ތަފާތެވެ. ކުޅުންތެރިންނާ މެނޭޖުމަންޓާ ކިތަންމެ ބޮޑެތި މައްސަލަތަކެއް އުޅުނު ކަމުގައިވީނަމަވެސް، ކޯޗާއި ކުޅުންތެރިންނާ ގުޅުން ރަނގަޅުކަމަށް މެޗު ކުޅެމުންދިޔަ ވަގުތު ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ބާސާއަށް ހަ އަހަރު ދުވަހު ކުޅުމަށްފަހު ކްލަބު ދޫކޮށްލި ސުއަރޭޒްއާއި ތަޖުރިބާކާރު މިޑްފީލްޑަރު ވިޑާލް ނެތްތަން މާ ބޮޑަކަށް ރޭގެ މެޗުގައި ދައްކާފައެއް ނުވެއެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ބާސާއިން ބަޔާން އަތުން 8-2ގެ ނަތީޖާއަކުން ބަލިވުމުން އޭރު ކްލަބުގެ ކޯޗުކަމުގައި ހުރި ސެޓިއަން ވަކިކުރުމަށްފަހު، މިހާރު ޓީމު ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ކޯމަންއާއެވެ.

ރޭގެ މެޗުގައި ބާސާގެ ހަގީގީ ތަރިއަކީ އުމުރުން 17 އަހަރުގެ އަންސޫ ފަޓީއެވެ. ރަނގަޅު ކޮންޓްރެކްޓަކާއެކު މި ސީޒަނަށް ނުކުތް އަންސޫ ފަޓީ ވަނީ ފުރަތަމަ 20 މިނެޓް ތެރޭގައި ދެ ގޯލް ޖަހާފައެވެ. އެ ގޯލްތައް ޖަހަން އަންސޫ ފަޓީއަށް ފަހިކޮށްދިނީ ޖޯޑީ އަލްބާއާއި ފިލިޕް ކުޓީނިއޯއެވެ. މިދިޔަ ސީޒަން ކާމިޔާބު ލޯނެއްގައި ކުޓީނިއޯ ހޭދަކުރީ ބަޔާން މިއުނިކް ގައެވެ. އޭނާ ވަނީ އެ ކްލަބާއެކު ޓްރެބަލް ހޯދާފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި އަންސޫ ފަޓީ ހޯދައިދިން ޕެނެލްޓީ މެސީ ކާމިޔާބުކުރިއިރު، އޭނާ ވަނީ އެޓޭކްގައި ވަރުގަދައަށް ކުޅެ ހަތް ހަމަލާއެއްވެސް ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެސީގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާގައި ސުއަރޭޒް ފޮނުވާލި މައްސަލައިގައިވެސް މެސީ ވަނީ ބާސާ ގެ މެނޭޖުމަންޓަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލާފައެވެ.

ހާފު ނިމުމުގެކުރިން ބާސާއިން އެޓީމުގެ ހަތަރުވަނަ ގޯލެއްވެސް ޖެހިއެވެ. އެއީ އުނައި އެމަރީ ކޯޗުކަން ކޮށްދެމުން ދިޔަ ވިލަރެއާލްގެ ޑިފެންޑަރު ޕައު ޓޯރެސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރޭގެ މެޗުގެ ދެވަނަ ހާފްގައި ބާސާއާ އަލަށް ގުޅުނު ޔަނިޗްގެ އިތުރުން ފްރާންސިސްކޯ އަދި ޓްރިންކައޯ ވެސް ވަނީ ފެނިގެން ގޮސްފައެވެ.

މިދިޔަ ސީޒަން ހުސް އަތާ ނިންމާލި ބާސާއިން މި ސީޒަނަށް ތައްޔާރުވަމުން އައިއިރު، ޓީމު ތެރޭގައި ގިނަ މައްސަލަތަކެއް ޖެހިފައި ވެއެވެ ކްލަބުގެ މެނޭޖުމަންޓާއި ކުޅުންތެރިންނާ ދެމެދު މައްސަލަތައް ކުރިމަތިވެފައި އޮތްއިރު، އެންމެ ބޮޑަށް މަސްލަހަތު ގޯސްވެފައި ވަނީ މެނޭޖުމަންޓާއި ކްލަބު ކެޕްޓަން މެސީއާ ދެމެދުއެވެ.