އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ މަރުހަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް އެޑްވޮކެސީ ޗެމްބާސް ލޯ ފާމުން ބުނެފިއެވެ.
ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލަތަކެއްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފައެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެޑްވޮކެސީ ޗެމްބާސް އިން ބުނީ ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަންއާ ޖުލައި 2018 ގައި ހަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެމާއްދާގައިވާ ގޮތުން ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެމަޝްރޫއު ހިންގިދާނެ ކަމަށެވެ.
އެޑްވޮކެސީ ޗެމްބާސް އިން ބުނީ އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން މި ޕްރޮޖެކްޓާ ހަވާލުވުމުގެ ކުރިން، މިނިސްޓްރީގެ ފަރާތުން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން ބިޑް ކުރުމަކާ ނުލައި ޕްރޮޖެކްޓް އެވޯޑްކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން 15 މާޗް 2018ގައި މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވި ކަމަށެވެ. އަދި ރައީސް އޮފީހުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވާކަމަށާއި ފިނޭންސް މިނިސްޓްރީގެ ފަރާތުން ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ދައުލަތަށް އެންމެ ފައިދާހުރި އަދި ބަޖެޓަށް ބުރަ ބޮޑު ނުވާގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ އެސްއޭ ކޮންސްޓްރަކްޝަން އިން ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެޑްވޮކެސީ ޗެމްބާސް އިން ބުންޏެވެ.
"އެސްޖޭ ކޮންސްޓްރަކްޝަން އަކީ މިނިސްޓްރީ އޮފް ހައުސިންގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޓަގަރީގައި އަންލިމިޓެޑްކޮށް ބިޑްކުރެވޭ ގޮތަށް ކެޓަގަރައިޒް ކުރެވިފައިވާ ކުންފުންޏެއް ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަކީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ އަގުހުރި ޕަބްލިކް ސެކްޓަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެއްކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޖެކްޓް އެވޯޑްކުރުމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްއަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން، މިނިސްޓްރީގައި އެދިފައިވޭ،" އެޑްވޮކެސީ ޗެމްބާސް އިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، 31 މެއި 2018 ވަނަ ދުވަހު ބޭއްވުނު އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަން އަށް އެވޯޑްކުރުމަށް ނިންމާފައިވާކަން 3 ޖޫން 2018 ގައި ރައީސް އޮފީހުން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށްވެސް އެޑްވޮކެސީ ޗެމްބާސް އިން ބުންޏެވެ.
"މި ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ޖުލައި 2018ގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރީގައި މިއެންމެހައި ކަންކަން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކަށަވަރުކޮށްފައިވޭ. މި ޕްރޮޖެކްޓް އެވޯޑްކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށްކަން ޕްރޮޖެކްޓް އެވޯޑްކުރުމުގެ ކުރީގައި އެސްޖޭ ކޮންސްޓްރަކްޝަންއިން ކަށަވަރުކޮށްފައިވާކަން މިލޯފާމަށް ގަބޫލުކުރެވޭ،" އެޑްވޮކެސީ ޗެމްބާސް އިން ބުންޏެވެ.
އެޑްވޮކެސީ ޗެމްބާސް އިން ބުނީ މި ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވީ ނަމަވެސް، ވޭތުވެދިޔަ ސަރުކާރުން އަދި މި ސަރުކާރުންވެސް ބިޑްކުރުމަކާ ނުލައި ސިންގަލް ސޯސްކޮށް ގިނަ ޕްރޮޖެކްޓްތަކެއް އެވޯޑްކޮށްފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްވެސް އެވޯޑްކޮށްފައިވަނީ ސިންގަލްސޯސްކޮށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ.
ގާނޫނާ ހިލާފު ކަންތައްތަކެއް އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ކޮށްފައިވާކަމަށް ދައްކައި، އެކުންފުނީގެ ނަމަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކަމުންދާއިރު ކަމުގެ ހަގީގަތް ހޯދުމަކާނުލައި، އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތައް ގަބޫލުނުކުރުމަށް ވަކީލުންގެ މި ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ