އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރާއްޖޭގައި ބާއްވާ ގުރުއާން ހިފްޒުކުރުމުގެ ބައިނަލްއަގްވާމީ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގެ ފައިނަލް ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.
މި މުބާރާތަކީ އެ ވުޒާރާ އާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ މުބާރާތެކެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ އިންތިޒާމުތަކުގައި ބައިވެރިވެ، ކަންކަން ފައިނަލްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ސައުދީ މިނިސްޓްރީގެ ހާއްސަ މަންދޫބަކު ވެސް ރާއްޖެ ވަޑައިގެންފައެވެ.
ރާއްޖޭގައި ބާއްވާ މި މުބާރާތަށް ހަރަދުކުރަނީ ސައުދީ ސަރުކާރުންނެވެ. އެހެންވެ މިނިސްޓަރު ވަނީ މުބާރާތް އިންތިޒާމު ކުރުމުގައި އެ ގައުމުގެ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ އެ މުބާރާތުގައި ސައުތު އޭޝިއާގެ ގައުމުތަކުން ބައިވެރިން ވާދަކުރާނެ ކަމަށާއި އެއީ ގުރުއާން ހިފްޒުކުރާ ބައިވެރިން އެއް ތަނަަަކަށް ޖަމާވެ، ދާއިރާ ކުރިއެރުވުމަށް ލިބޭ ފުރުސަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި އެ މުބާރާތުގެ ސަބަބުން އިސްލާމީ ތައުލީމުގެ ދާއިރާ ވަރުގަދަވެ، ސަރަހައްދީ ގުޅުން ވެސް ވަރުގަދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ގުރުއާން ތައުލީމު ކުރިއެރުވުމާއި ހާފިޒުންގެ ޖީލެއް ބިނާކުރުމަށް ބާއްވާ އެ މުބާރާތް ކޮންމެ އަހަރަކު ބޭއްވުމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
ކޮމެންޓް