ކުރީގެ އެޓާނީ ޖެނެރަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު 1:30 ގައި ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ފާހަގަކުރެއްވީ މައްސަލަ ރައްދުވާ އާޒިމާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކައެވެ. އޭގައި ވަނީ ދިމާވި ކަމަކާ ގުޅިގެން ޝަރީއަތް އެހެން ދުވަހަކަށް ފަސްކުރެއްވުމަށް އާޒިމާ އެދިވަޑައިގެންފައެވެ. އެއަށްފަހު އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން ދައުލަތަށް ސާފުކޮށްދެއްވުމަށް އާޒިމާގެ އަރިހުން ގާޒީ އެދިވަޑައިގެންނެވިއެވެ.

އާޒިމާ ވިދާޅުވީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަން ޖެހިވަޑައިގަންނަވާ ކަމަށާއި މިއަދު މެންދުރުފަހު 2:00 އަށް އެޕޮއިންޓްމެންޓް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެ ސިޓީގައި ސިއްހީ ސަބަބު ފާހަގަކުރައްވާފައިވާނެ ކަމަށާއި ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވަދެ ތިބުމުން އޭގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.

އެއާ ގުޅިގެން ބޭނުންފުޅުވަނީ ޝަރީއަތް ކުރިއަށް ގެންދަންތޯ ގާޒީ ސުވާލުކުރެއްވުމުން އާޒިމާ ވިދާޅުވީ ބޭނުންފުޅުވަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އެކަމާ ގުޅިގެން މިއަދުގެ އަޑުއެހުން ގާޒީ ކެންސަލް ކުރެއްވިއެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމެވިކަން އިއުލާން ކުރެއްވިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ މަނީލޯޑަރިންގެ ކުށް ސާބިތުވެ، މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތުދެއްވި ކަމަށް ބުނެއެވެ. މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

މި މައްސަަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވަން އޭސީސީއަށް ލަފާ ދެއްވާފައި ނުވާނެ ކަމަށާއި އެކަމުގެ ހެއްކެއް ނެތް ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.