ކޮވިޑް-19އާ ގުޅިގެން ގައުމަށް މިހާރު ދިމާވެފައި މިއޮތް ހާލަތުން އަރައިގަތުމަށް ދަރަނި ނަގައިގެން ވެސް މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ރޭ ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމަށް އާންމު ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަވަހަށް އަރައިގަންނަން ބޭނުންވާއިރު އެކަން ކުރެވެން އޮތީ ރަނގަޅު މަޝްރޫއުތަކަށް އިންވެސްޓްކުރުން އިތުރުކޮށްގެން ކަމަށެވެ. އަދި އެކަމަށް ދަރަނި ނަގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ބޭނުންވޭ ވީހާ ވެސް އަވަހަކަށް މި ކާރިސާ އިން އަރައިގަންނަން. އެހެންވީމާ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އަޅުގަނޑުމެން މި ބޭނުންވަނީ ރަނގަޅު އިންވެސްޓުމެންޓުތަކުގައި އިންވެސްޓު ކުރަން. އޭރުން އެ އިންވެސްޓުމެންޓުތަކުގެ ޒަރިއްޔާ އިން ލިބޭ އާމްދަނީ އިން އަޅުގަނޑުމެންނަށް އެ ދަރަނި އަދާކޮށްފައި ވެސް އިގްތިސޯދު ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރަންޏަށް ފައިސާ ނަގައިގެން ވެސް އިގްތިސާދު ކުރިއަރުވަން ޖެހޭ ކަމަށް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ގަބޫލުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ ހާލަތު ރަނގަޅުވަންދެން މަޝްރޫއުތައް ނުހިންގާ ތިބެއްޖެނަމަ އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް 10 އަހަރު ނޫނީ 20 އަަހަރު ނަގާނެ ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މިހާރު އެބަ ގަބޫލުކުރޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އަޅުގަނޑުމެން އެބަޖެހޭކަން އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތްތައް ކުރަން. ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ހަމަ ދަރަންޏަށް ފައިސާ ނަގައިގެން އެ މަސައްކަތްތައް އެބަކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ފިސްކަލް ސޭވިން އެއް ހުރިނަމަ އިގްތިސާދީީ ކާރިސާއަކަށް ބޭނުން ކުރަން ފައިސާ ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ހުރީ އެމްއެމްއޭގައި ހުރި އެކްސްޗޭންޖު ރޭޓް ހިފެހެއްޓުމަށްޓަކައި ހުރި ޑޮލަރު ރިޒާވެއް އެކަނި ކަމަށް ވިދާޅުވި އެވެ.