މިސީޒަނަށް ބާސެލޯނާއާ ގުޅުނު ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޔަނިޗް، އެ ކްލަބަށް ގެންދަން ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެހީތެރިވި ކަމަށް ޔަނިޗް ބުނެފިއެވެ.

ރޮނާލްޑޯއާއެކު ޔުވެންޓަސްއަށް ކުޅުމަށްފަހު ޔަނިޗް ބާސާއަށް ބަދަލުވި އިރު، އޭނާ ހޯދުމަށް ބައެއް އިތުރު ކްލަބުތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. ޔުވެންޓަސްއަށް ރޮނާލްޑޯ ދިއުމުގެ ކުރިން އޭނާ ވަނީ ނުވަ އަހަރު ވަންދެން ބާސާގެ ވާދަވެރި ރެއާލަށް ކުޅެފައެވެ. އެހެންނަމަވެސް ޔަނިޗް ބުނެފައިވަނީ ބާސާއަކީ ރަނގަޅު ކްލަބެއް ކަމަށް ރޮނާލްޑޯ ބުނި ކަމަށާއި ބާސާގައި ހިތްހަމަ ޖެހޭނެ ކަމަށްވެސް ބުނި ކަމަށެވެ.

"އެއީ އިދިކޮޅު ކަމަށް ރޮނާލްޑޯ ބުނި. ހުރިހާ ކަމެއް ނިމުމުން ރޮނާލްޑޯ ބުނި ސްޕެއިންގެ ފުޓުބޯޅަ ރަނގަޅުވާނެ ކަމާއި ބާސާގައި ހިތްހަމަޖެހިގެން ރަނގަޅު ފުޓުބޯޅައެއް ކުޅެވޭނެ ކަމަށް. އަހަރެން ޔުވެންޓަސް ދޫކޮށްލުމުން ރޮނާލްޑޯ ދެރަވި. އެކަމަކު ބާސާއަށް ދިއުމުގެ ހުރިހާ ކަމަކަށް ހިތްވަރު ދިން،" ޔަނިޗް ބުނެފައިވެއެވެ.

ބާސާއަށް ޔަނިޗް ބަދަލުވީ 45 މިލިއަން ޕައުންޑުގެ އަގެއްގައެވެ. ބާސާގައި ކްލަބު އެތެރޭގެ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޔަނިޗްގެ ތަޖުރިބާ މުހިންމުވާނެ ކަމަށް ބެލެވެއެވެ. ލުއިސް ސުއަރޭޒް އާއި އާޓުރޯ ވިޑާލް ވެސް ބާސާ ދޫކޮށްލާފައިވާ އިރު، ލިއޮނެލް މެސީ ވަނީ ސީޒަންގެ ކުރިން ބާސާ ދޫކޮށްލަން އެދިފައެވެ. ބާސާ ބޯޑުން މެސީއަށް ހުރަސް އެޅި އިރު، ސުއަރޭޒް ފޮނުވާލި މައްސަލައިގައި ވެސް މެސީ ވަނީ ބާސާގެ މެނޭޖުމަންޓާ ދެކޮޅަށް ވާހަކަދައްކައިފައެވެ.